ގަމު ފުޓުބޯޅަ މުބާރާތް: މަތިމަރަދުއަށް އުއްމީދީ ފެށުމެއް

ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު 4-0 ގެ ނަތީޖާއަކުން ހިތަދޫ އެފްސީ ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް މަތިމަރަދޫ އެފްސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއީ މަތިމަރަދޫން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ހިތަދޫ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ތުނޑި އެފްސީ އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއާއެކު އެ ޓީމަށް ވަނީ މުބާރާތުގައި ކުރިޔަށްދިއުމުގެ ފުރުސަތު ހަނިވެފައެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފެށުނީއްސުރެ މޮޅަށް ކުޅެފައިވަނީ މަތިމަރަދޫ ޓީމުންނެވެ. އެ ޓީމުން ވަނީ މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން، މަތިމަރަދޫ ޓީމުގެ މިސްރު ކުޅުންތެރިޔާ، ހަލިލް ގަމާލް އާއި އާދަމް ޝަމީމް (އެޑަމް) އަދި މޫސާ ހާނިމް (ވާންޗޯ) އަށްވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ހިތަދޫ އޭރިއާ ތެރެއިން އެޑަމްއަށް ކުރި ފައުލަކާ ގުޅިގެން މަތިމަރަދުއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، މަތިމަރަދުއަށް ކުރިހޯދައިދިނީ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ. އަދި އޭގެ މިނެޓެއް ފަހުން ހިތަދޫ ޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ތޯއިފް ގާސިމް (ތޯއްޕެ) ވަނީ މަތިމަރަދުއަށް ލީޑު ފުޅާކޮށްދީފައެވެ.

މަތިމަރަދޫން ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި، ތިން ލަނޑުގެ ބޮޑު ލީޑެއް ނަގާފައެވެ. އެއީ މުހައްމަދު ރަޒާން (ރާއްކޮ) ނަގައިދިން ކޯނަރަކުން ހަލިލް ޖެހި ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން، ވާންޗޯއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ދިޔައީ ކީޕަރާ ދިމާލަށެވެ. އޭގެފަހުން އޭނާ ފޮނުވާލި ބޯޅަ، ކީޕަރުގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ވާންޗޯ ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ލަނޑު ޖަހައި، މަތިމަރަދުއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަތިމަރަދޫ ޓީމުގެ ހަލިލްއެވެ.

މި ނަތީޖާއާއެކު މަތިމަރަދޫ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މަތިމަރަދުއާއި ތުނޑިއަށް ތިން ޕޮއިންޓު ލިބިފައިވާއިރު، މުކުރިމަގާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ތުނޑި އާއި މާބައިދޫއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments