ގަމު ފުޓުބޯޅަ މުބާރާތް: މާބައިދޫ ބަލިކޮށް، މަތިމަރަދޫ ފައިނަލަށް

ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު 2-1 ގެ ނަތީޖާއަކުން މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ބަލިކޮށް، މަތިމަރަދޫ އެފްސީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މަތިމަރަދޫން ވަނީ ފުރަތަމަ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ފެށުން ރަނގަޅު ކޮށްފައެވެ. އަދި މިއަދު ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމްލަ ނުވަ ޕޮއިންޓު ލިބިފައެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ކުރިޔަށް އޮތް ދެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައިވިޔަސް، މަތިމަރަދުއަށް އެއްވަނަ ލިބޭނެއެވެ.

މިއަދުގެ މެޗުގައި، މާބައިދޫ ޓީމުގެ ސްކޮޑުގައި ހުސައިން ނިހާން (ނިހާޓް) ހިމަނާފައިވެއެވެ. ގައުމީ ފުޓުބޯޅަ ޓީމާއެކު ބަންގްލަދޭޝަށް ދަތުރުކުރުމަށްފަހު، މިއަދުގެ މެޗަކީ މި މުބާރާތުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް، އޭނާ ކުޅެން ނިކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ވިއްސާރަވުމުގެ ސަބަބުން ގިނަ އުނދަގޫތައް ކުރިމަތިވެފައެވެ. މެޗު ފެށުމުގެ ކުރިން، ބޯކޮށް ވާރޭ ވެހުމާ ގުޅިގެން، ދަނޑުގެ އަރިމަތިން ބައެއް ވަނީ ފެންބޮޑުވެފައެވެ.

ފުރަތަމަ ހާފުގައި މަތިމަރަދޫ ޓީމުގެ މުހައްމަދު ސާބިގް (އުއްކު) އަށްވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭނާ ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މާބައިދޫ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަހުމަދު ފިރާޝް އަށެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި އުއްކު ވަނީ ލަނޑެއް ޖަހައި، މަތިމަރަދުއަށް ކުރިހޯދަދީފައެވެ. އެއީ މަތިމަރަދުއަށް ލިބުނު ހިލޭ ޖެހުމަކުން، އުއްކު ބޮލުން ޖެހި ލަނޑެކެވެ.

މާބައިދޫން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ދަނޑިވަޅެއްގައި، މަތިމަރަދޫން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. އެއީ މަތިމަރަދުއަށް ލިބުނު ކޯނަރެއްގައި، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ހަލިލް ގަމާލް ކާމިޔާބުކުރި ލަނޑެކެވެ.

މާބައިދޫން ވަނީ މެޗު ނިމެން ގާތްވެފައިވަނިކޮށް ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މާބައިދުއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ ނިހާޓްއެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަތިމަރަދޫ ޓީމުގެ ހަލިލްއެވެ.

މި ނަތީޖާއާއެކު، އެއްވަނައިގައި މަތިމަރަދުއަށް ނުވަ ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި މާބައިދުއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތުނޑި އާއި މުކުރިމަގަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ތުނޑި އާއި މުކުރިމަގުގެ އިތުރުން މާބައިދުއަށް އެބައޮތެވެ. ނަމަވެސް، މާބައިދުއަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ.

މުބާރާތުގައި މާދަމާ ހަވީރު މުކުރިމަގު އެފްސީ ނިކުންނާނީ ހިތަދޫ އެފްސީ އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments