ދި އައިލެންޑް ސަވައިވަރ ސީޒަން 3″ ގެ ޝޫޓިން ލ.އަތޮޅުގައި

ރަމަޟާން މަހަށް ހާއްސަކޮށް ޓީވީއެމްއިން ގެނެސްދޭ ”ދި އައިލެންޑް ސަވައިވަރ ސީޒަން 3“ ގެ ޝޫޓިން ލ.އަތޮޅުގައި ފަށައިފިއެވެ.
މި ޝޯއަކީ ރަމަޟާން މަހު ޓީވީއެމްއިން ގެނެސްދޭ ޝޯތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އެއް ޝޯއެވެ. މިއީ މި ޝޯ ބާއްވާ ތިންވަނަ އަހަރެވެ.
ސަވައިވަލް ކޮންސެޕްޓުގެ މި ރިއަލިޓީ ޝޯގައި ފެންނާނީ އާއްމު ދިރިއުޅުމުން ދުރުގައި، ފަޅުރަށެއްގައި ބައިވެރިން ހޭދަކުރާ ދުވަސްތަކާއި އަދި އެ ދަތުރުގައި ދިމާވާ އެކިއެކި ޗެލެންޖުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކެވެ. މި އަހަރު މި ޝޯ ޝޫޓް ކުރަނީ ލ.އަތޮޅުގެ ފަޅު ރަށްތަކެއްގައެވެ.
މިއަހަރުގެ ޝޯގައި ޖުމަލް 10 ބައިވެރިން ހިމެނެއެވެ. އެއީ ފަސް އަންހެން ބައިވެރިންނާއި ފަސް ފިރިހެން ބައިވެރިންނެވެ. މިފަހަރުގެ ޝޯގައި ކުޅިވަރު ކުޅުންތެރިން، މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުން، ޑޮކްޓަރެއް އަދި މިނޫންވެސް އެކި ދައިރާތަކުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. މީގެއިތުރުން، ލ.އަތޮޅަށް ނިސްބަތްވާ ބައިވެރިންވެސް ފެންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަހަރުގެ ރަމަޟޯން މަހު މި ޝޯގެ ފަސް އެޕިސޯޑް ދައްކާނެއެވެ. މި ޝޯގެ ސަބަބުން ލ.އަތޮޅުގެ ގުދުރަތީ ރީތިކަން މުޅި ރާއްޖެއަށް ފެނިގެންދާނެއެވެ.