މިފަހަރުވެސް ޓީމު އޮތީ ކިކުގައި، ޓާގެޓަކީ ތަށި: ނާއްޓޯ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރުވެސް ގަމު ފުޓްސަލް ޓީމު އޮތީ ކިކުގައި ކަމަށާއި ޓާގެޓަކީ ތަށި ކަމަށް އެ ޓީމުގެ ތަރި، ހުސައިން ނާޝިދު (ނާއްޓޯ) ބުނެފިއެވެ.
ނާއްޓޯ މިހެން ބުނީ ރޭ ކުޅުނު ލ.އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައެވެ. ގަމުން ވަނީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން މުންޑު ބަލިކޮށްފައެވެ. މި މެޗުގެ ފަހު މިނެޓުގައި ގަން މޮޅުކޮށްދިނީ ޒައިދާން އަބްދުﷲ (ޒައިއްކޮ) އެވެ.
ނާއްޓޯ ބުނީ ރޭގެ މެޗުގައި އެންމެ ބޮޑަށް އުނދަގުވީ، އިދިކޮޅު ޓީމު ކުޅުންތެރިން ގިނަވަގުތު ފަހަތުގައި ތިބެގެން ޑިފެންސް ކުރުމުން ކަމަށެވެ.
ރޭގެ މެޗަށްފަހު ދިން އިންޓަވިއުގައި ނާއްޓޯ ވަނީ ގަމުގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ދީފައެވެ. ނާއްޓޯ ބުނީ، ޒޯން ބުރަށް ދާއިރު އަލީ ޝާމިސް (ތޮއްޕެ) އާއި ހަސަން ފަވާޒް (ފައްވަ) ޓީމާ ގުޅޭނެ ކަމަށެވެ. އަދި މިއާއެކު ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށް ބުންޏެވެ. އަތޮޅު ބުރުގެ ސްކޮޑުގައިވެސް ތޮއްޕެ ހިމެނުނު ނަމަވެސް، އޭނާ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. އަދި 2023 ވަނަ އަހަރު ގަމުން ޗެމްޕިއަންކަން ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ފައްވަ، މިދިޔަ އަހަރުގެ މުބާރާތުގައި ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.
ނާއްޓޯ ވަނީ ސަޕޯޓަރުން އަދިވެސް އިތުރަށް ސަޕޯޓް ރަނގަޅުކޮށް، ކިކުގައި ސަޕޯޓް ކުރުމަށް އެދިފައެވެ. ގަމާއި އިސްދޫ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.