ގިނަ ތައްޔާރީތަކަކާއެކު ”ރަށު އެކްސްޕޯ“ ގައި މާބައިދޫން ބައިވެރިވަނީ

ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ކުރިޔަށްގެންދާ ”ރަށު އެކްސްޕޯ 2025“ ގައި މާބައިދޫން ބައިވެރިވާން ނިންމައިފިއެވެ.

ރަށު އެކްސްޕޯ އަކީ މާކެޓިން ފާމެއްކަމަށްވާ ދަ ޓްރެވަލް ގައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިބާވަތުގެ ފުރަތަމަ އިވެންޓެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުއަރީމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ލޯކަލް ޓޫރިޒަމަށް ރަށް އިސްތިހާރު ކުރުމަށް މި އެކްސްޕޯގައި ރަށު ސްޓޯލެއް ބެހެއްޓުމަށް މާބައިދޫ ކައުންސިލުން ވަނީ ނިންމާފައެވެ. މި ސްޓޯލުން ރަށުގައި ހުރި މުހިއްމު ވަސީލަތްތަކާއި ރަށުގައި ޤާއިމް ކުރެވިފައިވާ ޚިދުމަތްތަކުގެ ތަފްސީލް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މިހާރުވެސް ހޯމް ސްޓޭގެ ގޮތުގައި ބޭނުންކުރެވޭ ތަންތަނުގެ މައުލޫމާތާއި ރަށުގެ އަސާރު ތަކާއި ޤުދުރަތީ ގޮތުން ރަށަށް ލިބިފައިވާ ވަސީލަތްތަކުގެ މައުލޫމާތު ރަށު އެކްސްޕޯ އިން ލިބިގެންދާނެއެވެ.

ލ.މާބައިދޫ: ފޮޓޯ- އަހުމަދު އަރުޝަދު

ރަށުގެ އާބާދީއާއި ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން ތާރީޙީ ގޮތުން ރަށާއި ބެހޭ މައުލޫމާތުވެސް މި އެކްސްޕޯއިން ލިބިގެންދާނެއެވެ. މީގެއިތުރުން، ރަށުގެ ދިގުރާސްތާ ޕްލޭންއާ ކައުންސިލާއި ރައްޔިތުން ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ދެކޭ ތަސައްވަރު ޒިޔާރަތްކުރާ ފަރާތްތަކާ ޙިއްސާކުރެވޭނެއެވެ. އެކްސްޕޯ ތެރެއިން ސަޤާފީ ގޮތުން ރަށުގައި ކުޅެވޭ ކުޅިވަރުތަކާއި ދީނީ އަދި ސަޤާފީ ގޮތުން ފާހަގަކުރާ ދުވަސްތަކާ އެދުވަސްތަކުގައި ކުރިއަށްގެންދާ ޙަރަކާތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާކުރެވޭނެއެވެ.

ލ.މާބައިދޫ: ފޮޓޯ- އަހުމަދު އަރުޝަދު

މާބައިދޫ ކައުންސިލްގެ ރައީސް، އިބްރާހިމް ވިސާމް ވަނީ މި އެކްސްޕޯއަށް ކައުންސިލްގެ ފަރާތުން ވަމުންގެންދާ ތައްޔާރީތަކާއި، އެކްސްޕޯއިން ހާސިލް ކުރަން ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ.

މި އެކްސްޕޯ ވެގެންދާނީ މިވަގުތު އަދި ކުރިއަށްއޮތްތަނުގައި މާބައިދޫއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް އޮފަރ ކުރާނެ ކަންކަން ކިޔައިދޭނެ ޕްލެޓްފޯރމް އަކަށް. އެއީ ދިވެހީންގެ ސާދާ ދިރިއުޅުން ދައްކުވައިދިނުމާއި ރަށްފުށުގެ މި ދިރިއުޅުމަކީ ހިތްއުފާވާ ހިތްހަމަޖެހޭ ދިރިއުޅުމެއްގެ އިހްސާސް ކަމަށްވެސް ވެދާނެ، މާބައިދޫގެ ވަށައިގެން މިވާ މާހަލުގެ ފުރިހަމަ ކަމާއި އެމާހައުލުގައި އުޅޭ ދިރުންތައް ދެކިލުން ކަމަށްވެސް ވެދާނެ، ރަށްފުށުގެ އަދި ޚާއްސަކޮށް ލ އަތޮޅަށް ޚާއްސަވާ ކެއުންތަށް ތަޖުރިބާކޮށްލުން ކަމަށްވެސް ވެދާނެ. ޖުމްލަކޮށް އަޅުގަނޑުމެން މާބައިދޫގެ އަދި ލ އަތޮޅުގެ ނުވަތަ ދިވެހީން އަސްލު ހިތްހަމަޖެހޭ ދިރިއުޅުމަކީ މިއީކަން، އެކަން ތަޖުރިބާ ކޮށްލަން ބޭނުންވާ ކޮންމެ މީހަކަށް ކިޔައިދިނުން މަޤުސަދަކީ

މި އެކްސްޕޯގައި ލޯކަލް ޓުއަރިޒަމް ވިޔަފާރިއާ ގުޅުންހުރި ވިޔަފާރިތަކަށް މާބައިދޫ ބިމުން ހުރި ފުރުސަތުތަށް ކިޔައިދެވޭނެ، މި މާހައުލުގެ ހުރި ތަފާތުކަމާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިއްކަން ދިރުން މުއްސަނދި ބަލާލަން ހިތްގައިމު ދެ ކަނޑުއޮޅީގެ އިތުރުން މާބައިދޫގެ ”އަހަގުން ކޯރަ“ އަދި ރަށުގެ ފުށްޓަރުންވާ ސަރފިންގ ޕޮއިންޓްތަކުގެ މަޢުލޫމާތު ދެވޭނެ.

ލޯކަލް ޓުއަރިޒަމް ވިޔަފާރި ފަށަން ގަސްތުކުރާ ފަރާތްތަކާއި ލ.އަތޮޅަށް އަދި ޚާއްސަކޮށް މާބައިދޫއަށް ޒިޔާރަތްކުރަން ބޭނުންވާ ކޮންމެ ފަރާތެއްވެސް މި ސްޓޯލަށް އައުމަށް ދަޢުވަތުދެން، މީ ހަމަ ތަފާތު ތަޖުރިބާއަކަށް ފަހިވާ ފުރުސަތެއްކަން ޔަޤީން

ރަށުގެ އިޙްތިސާސް ތެރޭގައި ކުރެވެން ހުރި ވިޔަފާރި ފުރުޞަތު ތަކުގެ މައުލޫމާތުވެސް އެކްސްޕޯ ތެރެއިން ލިބިގެންދާނެއެވެ. މިގޮތުން ލޯކަލް ޓުއަރިޒަމާއި އެއާއި ގުޅުންހުރި ވިޔަފާރިތަށް ތަޢާރަފްކޮށް އެކަމަށް އޮތް ފަހި ފުރުސަތުތަށް އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކާ ޙިއްސާ ކުރެވިގެން ދާނެއެވެ.

ލ. އަތޮޅަށް ހާއްޞަ ބައެއް ކެއުންތަކުގެ ރަހަ ބަލާލުމުގެ ފުރުޞަތު ލިބޭއިރު، ޒިޔާރަތްކުރާ ފަރާތްތަކަށް ރަމްޒީ ހަދިޔާއެއް ދެވިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments