ރޯސް ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ބެސްޓަށް

Rose balikoh, Final ge fahu jaaga BEST ah

ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓް 2025 ގައި ރޭ 5-1 ގެ ނަތީޖާއަކުން ރޯސް ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ބެސްޓް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ރޭގެ މެޗުތަކަށް ނިކުތްއިރު ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) އިންވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މެޗަށް ނިކުތްއިރު ބެސްޓަށް ވަނީ ހަތް ޕޮއިންޓު ލިބިފައެވެ. ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ބެސްޓަށް ވަނީ 10 ޕޮއިންޓު ލިބިފައެވެ. މިއާއެކު، އެ ޓީމަށް ވަނީ ދެވަނަ ލިބިފައެވެ.

ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ފާތިމަތު މަޒިއްޔާ ވަނީ ލަނޑު ޖަހައި ބެސްޓަށް ކުރިހޯދަދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޫޝިޔާ އަހުމަދު ވަނީ ލަނޑު ޖަހައި ރޯސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެފަހުން، ހާފު ނިމެން ކައިރިވެފައިވަނިކޮށް މަޒިއްޔާ ވަނީ އިތުރު ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ބެސްޓަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ބެސްޓަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް ހައްވާ ޝާއިގާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ އާއިޝަތު ސަނާ އާއި އާއިޝަތު ސަމާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބެސްޓުގެ މަޒިއްޔާ އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އާއި ލާމު ބްލޫސް އެވެ. މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލާމު ބްލޫސް އެވެ. އެ ޓީމުގެ ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އާއިޝަތު ސަނާ އެވެ.

ލަސާ އާއި ބެސްޓް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. މި ދެ ޓީމު ކުރިން ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments