ފަހަތުން އަރައި ލާމު ބްލޫސް ބަލިކޮށް، އަފޭންނުން ތަށި ދިފާއުކޮށްފި
Fahathun araa Laamu Blues balikoh, Afeyn in thashi dhifaaukohfi

ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގެ ފައިނަލުގައި ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ލާމު ބްލޫސް ބަލިކޮށް، އަފޭންނުން ތަށި ދިފާއުކޮށްފިއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން އަފޭން، މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ބަލިކުރުމަށްފަހުއެވެ. އަދި ލާމު ބްލޫސް އިންވަނީ ސެމީ ގައި ސެންޓްރަލް އޭރިއާ ކޮމާންޑް (ސީއޭސީ) ވެޓްރަންސް ބަލިކޮށްފައެވެ.
ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، ފީފާ ސެންޗުރީ ކްލަބުގައި ހިމެނިފައިވާ، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. އިމްރާން ވަނީ ގައުމީ ފުޓުބޯޅަ ޓީމަށް 110 މެޗު ކުޅެދީފައެވެ.
ރޭގެ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ލާމު ބްލޫސް އިންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އާދަމް ވަޖީހު (ވަޖީ) އެވެ. އޭގެފަހުން، ހުސައިން ނާޝިދު (ނާއްޓޯ) ގެ މޮޅު ކުޅުމާއެކު، އޭނާ ތަނަވަސްކޮށްދިން ހުސް ފުރުސަތަކުން މުހައްމަދު ޖަމީލް ވަނީ ލަނޑު ޖަހައި ލާމު ބްލޫސް އަށް ލީޑު ފުޅާކޮށްދީފައެވެ.
އާފޭންނަށް އުއްމީދު އައުވީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ލަނޑާއެކުއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން، އަލީ މާއިސް (މައްޓު) ވަނީ ލަނޑު ޖަހައި، އަފޭންނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ހާފު ނިމެން ގާތް ވެފައިވަނިކޮށް މައްޓު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ފުރަތަމަ ފަހަރަށް އަފޭންނަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފުގައި ލާމު ބްލޫސް އިން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، އަފޭންނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފޭންގެ މައްޓު އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ލާމު ބްލޫސްގެ ވަޖީ އެވެ. އަދި ފެއާ ޕްލޭ ޓީމަކީ އެވާލީ ސްޕޯޓްސް ކްލަބެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ލާމު ބްލޫސްގެ ނާއްޓޯ އާއި ވަޖީގެ އިތުރުން އަފޭންގެ ފާއްޓޭ އާއި އިބްރާހިމް އަސްވަދު (ގަބޭ) އަދި މުހައްމަދު ލިޔާހު އެވެ.