ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތް ފަށައިފި، ކާމިނީ އާއި މާހިންނައަށް ރަނގަޅު ފެށުމެއް
Gamu Council bashi boalha mubaaraaiy fashaifi, Kaaminee aai Maahinna ah rangalhu feshumeh

ގަމު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
ޖުމްލަ ފަސް ޓީމާއެކު މިއަދު މުބާރާތް ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައި) އާއި ކާމިނީ ބަށި ޓީމެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އެވެ.
އައިވައިޔޫގެ މައްޗަށް ކުރިހޯދައި، ކާމިނީ އިންވަނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗުގައި ކާމިނީ އިން 29 ލަނޑާއި 11 ފޯލި ހެދިއިރު، އައިވައިޔޫ އަށް ހެދުނީ 17 ލަނޑާއި 11 ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކާމިނީގެ ހައްވާ ލިއުޝާ އެވެ.
މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މާހިންނަ ބަށި ޓީމާއި ބެސްޓް ގާލްސް އެވެ. ޖުމްލަ 25 ލަނޑު ހަދައި، މި މެޗު ކަމިޔާބުކުރީ މާހިންނަ ޓީމުންނެވެ. ބެސްޓް ގާލްސްއަށް ހެދިފައިވަނީ 15 ލަނޑާއި 11 ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ މާހިންނަގެ ފާތިމަތު އަރޫޝާ އެވެ.
މުބާރާތުގެ ހަތަރު މެޗު މާދަމާ ކުޅެވޭނެއެވެ. އެގޮތުން، މާދަމާ ހެނދުނު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބެސްޓާއި އައިވައިޔޫ އެވެ. ދެވަނަ މެޗުގައި ކާމިނީ ނިކުންނާނީ މާހިންނަ އާ ދެކޮޅަށެވެ. އަދި މާދަމާ ހަވީރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބެސްޓް ގާލްސް އާއި ބެސްޓެވެ. ފަހު މެޗުގައި ވާދަކުރާނީ އައިވައިޔޫ އާއި މާހިންނަ އެވެ.