ކާމިނީ އިން ބެސްޓު ބަލިކުރިއިރު، އައިވައިޔޫ އަށް ތިންވަނަ
Kaaminee in BEST balikuri iru, IYU ah 3 vana

ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗުތައް މިއަދު ކުޅުނުއިރު، ކާމިނީ ބަށި ޓީމުން ބެސްޓް ބަލިކޮށްފިއެވެ.
ކާމިނީ އާއި ބެސްޓުން ވަނީ މިއަދުގެ މެޗަށް ނިކުތްއިރުވެސް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ކާމިނީ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ޖުމްލަ 12 ޕޮއިންޓާއެކުއެވެ. ދެވަނަ ޓީމުގެ ގޮތުގައި ބެސްޓް ފައިނަލަށް ދަތުރުކުރީ ނުވަ ޕޮއިންޓާއެކުއެވެ. މިއަދު ބެސްޓް ގާލްސްގެ މައްޗަށް ކުރިހޯދައި، އައިވައިޔޫ އިން މުބާރާތް ނިންމާލީ ހަ ޕޮއިންޓާއެކު ތިންވަނަ ޓީމުގެ ގޮތުގައެވެ.
މިއަދުގެ ފުރަތަމަ މެޗުގައި އައިވައިޔޫ އިން ވަނީ 23 ލަނޑާއި 10 ފޯލި ހަދާފައެވެ. ބެސްޓް ގާލްސް އަށް ހެދުނީ 17 ލަނޑާއި 11 ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިވައިޔޫގެ ނާދިޔާ އަބްދުލް ގަފޫރެވެ.
ލީގު ބުރުގެ ފަހު މެޗުގައި ބައްދަލުކުރީ ފައިނަލުގައިވެސް ބައްދަލުކުރާ ދެ ޓީމު ކަމަށްވާ ކާމިނީ އާއި ބެސްޓެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުން މޮޅުވި ކާމިނީ ޓީމުން ވަނީ 26 ލަނޑާއި އެއް ފޯލި ހަދާފައެވެ. ބެސްޓަށް ހެދުނީ 23 ލަނޑާއި 11 ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ކާމިނީގެ ހައްވާ ލިއުޝާ އެވެ. އެ ޓީމުން ކުޅުނު ހުރިހައި މެޗެއްގެވެސް މޮޅު ކުޅުންތެރިޔަކީ ލިއުޝާ އެވެ.
ކާމިނީ އާއި ބެސްޓް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައެވެ.