ހަލާލު ޓޫރިޒަމް އަށް ވަކި ރަށްތަކެއް ކަނޑައެޅުމަށް ނިންމައިފި
Halal tourism ah vaki rahthakeh kandaelhumah ninmaifi

‘ހަލާލު ޓޫރިޒަމް’ ކުރިއަށް ގެންދިޔުމަށް ވަކި ރަށްތަކެއް ކަނޑައަޅުއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔެއަށް މަޝްހޫރު ސިނާއަތެއް ކަމަށާއި މިހާރު ރާއްޖޭގެ އަމާޒަކީ، ހަލާލް ޓޫރިޒަމްގައި ފެންވަރު ރަނގަޅު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެެދުމަށް މަސައްކަތް ކުރުން ކަމަށެވެ.
“ހަލާލު ޓޫރިޒަމް އަށް ހާއްސަކޮށްގެން ވަކި ރަށްތަކެއް ކަނޑައަޅާނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.” ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހަލާލު ޓޫރިޒަމްއާއެކު ބޮޑެތި އިންވެސްޓްމެންޓްތައް ލިބޭނެ ކަމަށާއި މިއީ ރާއްޖޭގެ ޕްރޮޑަކްޓްތައް އިތުރަށް ފުޅާކުރުމަށް ފަހި ފުރުސަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މޯލްޑިވްސް އިން މި ޕްލޭންގެ ތަފްސީލު އިއުލާން ކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އޮތީ މުޅި ދުނިޔޭގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.