ފައިނަލުގައި ލަސާ ރަތަފަ އާއި ކިޔުއެމް ޓީމް 1 ގެ ކުރިމަތިލުމެއް
Final gai LASA Rathafa aai QM team 1 ge kurimathilumeh

ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ލަސާ ރަތަފަ އާއި ކިޔުއެމް ޓީމް 1 ދަތުރުކޮށްފިއެވެ.
ލަސާ ރަތަފަ އިން ސެމީ ފައިނަލުގެ ޖާގަ ހޯދީ ގުރޫޕު “އޭ” ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކިޔުއެމް ޓީމް 1 ސެމީ އަށް ދަތުރުކުރީ ގުރޫޕު “ބީ” ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މިއަދު ހަވީރު ސެމީ ފައިނަލް މެޗުތައް ކުޅެފައިވާއިރު ލަސާ ރަތަފަ އިން ވަނީ 4-0 ގެ ނަތީޖާއަކުން ލަސާ ވައްލަ ބަލިކޮށްފައެވެ. އަދި ކިޔުއެމް ޓީމް 1 އިން ވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލަސާ ކުރަނގި ބަލިކޮށްފައެވެ.
ލަސާ ރަތަފަ އާއި ލަސާ ވައްލަ ބައްދަލުކުރި މެޗުގައި ރަތަފަގެ ލައިޝް، ރާހިލް އަދި ހަމަދު ވަނީ ލަނޑު ޖަހާފައެވެ. މީގެއިތުރުން، ވައްލަ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.
މިއަދުގެ ދެވަނަ ސެމީ ފައިނަލުގައި ކިޔުއެމް ޓީމް 1 ގެ އިޔާން ހެޓްރިކް ހެދިއިރު ޝުއައިބު ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ މާޝް، އަކްމަލް، އީމާން އަދި ދާނިޔާލް އެވެ.
ލަސާ ރަތަފަ އާއި ކިޔުއެމް ޓީމް 1 ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައެވެ.