ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް މިފަހަރުވެސް ލާމު އެމްވީ

Jozy MV Futsal Challenge ge Media Partner akah mifaharuves Laamu MV

ޖޮޒީ އެމްވީގެ ފަރާތުން އިންތިޒާމުކޮށްގެން ލ.ހިތަދޫގައި ބާއްވާ “ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2025” ގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފި އެވެ.

ޖޮޒީ އެމްވީ އާއި ލާމު އެމްވީ އާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން، މުބާރާތުގެ ހުރިހައި އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެ އެވެ. އަދި މުބާރާތް އިތުރަށް އިޝްތިހާރު ކުރުމާއި، ކާމިޔާބު މުބާރާތަކަށް ހެދުމަށް ލާމު އެމްވީ އިން މަސައްކަތް ކުރާނެ އެވެ.

މި މުބާރާތަކީ ޖޮޒީ އެމްވީގެ ފަރާތުން، މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެހެންކަމުން، މުބާރާތުގައި ކުޅެވޭނީ ލ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. ނަމަވެސް، ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިން ހިމެނޭނެ އެވެ. ޖޮޒީ އެމްވީ އިން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ މުބާރާތުގައިވެސް، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި އަލީ ހާފިޒް (ހާއްޕެ)، ޖުނެއިދު އަބްދުﷲ (ޖޭންނެ)، ހުސައިން ޝަރީފް (އޮންލީ)، އިސްމާއިލް ވަޖީހު (ވައްޖެ)، އިބްރާހިމް އަސްވަދު (ގަބޭ)، އަހުމަދު އަޖުވަދު (އަޖޭ) އަދި އަލީ ހުމޭޒު ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މުބާރާތަކީ ޖޮޒީ އެމްވީ އިން ބާއްވާ މިފަދަ ތިންވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރު އެވެ. ޖޮޒީ އެމްވީގެ ފަރާތުން މުޅިން އަލަށް ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 13 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިހާރު ހަމަވެފައިވާއިރު، ޖުމްލަ 8 ޓީމަކުން ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ ދިހަ ވަނަ ދުވަހު އެވެ.

ޖޮޒީ އިން މިދިޔަ އަހަރުގެ މުބާރާތްވެސް ކާމިޔާބު ކަމާއެކު ނިންމާލިއިރު، އެ މުބާރާތުގެވެސް މީޑިއާ ޕާޓްރަނަކީ ލާމު އެމްވީ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments