ގަމު ކައުންސިލްގެ ވަޒީފާއިން ރިޓަޔާކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ހާއްސަ ހަފްލާއެއް
Gamu Council vazeefaa in retire kuri muvahzafunge aguvazan kurumah haassa haflaa eh

ހައްދުންމަތީ ގަމު ކައުންސިލްގެ ވަޒީފާއިން ރިޓަޔާކުރި ތިން މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އެ ކައުންސިލުން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
ހަމަދު ބިން ހަލީފާ އާލް ޘާނީ ސްކޫލުގައި ރޭ ކުރިޔަށް ގެންދިޔަ ހަފްލާ ހާއްސަ ކޮށްފައިވަނީ އުމުރުން 65 އަހަރު ވުމާއެކު ގަމު ކައުންސިލްގެ ވަޒީފާއިން ރިޓަޔާކުރި ތިން މުވައްޒަފުން ކަމަށްވާ އަބްދުލްޖަލީލް އުމަރާއި ހަސީނާ އިބްރާހިމްގެ އިތުރުން އާމިނަތު އަހުމަދަށެވެ.
ޖަލީލަކީ ސިވިލްސަރވިސްގައި ގަމުގެ މިސްކިތްތަކުގެ އިމާމެއްގެ ގޮތުގައި 19 ޖޫން 2002 އިން ފެށިގެން 18 މެއި 2025 އަށް 22 އަހަރާއި ދެ މަހާއި 20 ދުވަސް ވަންދެން މަސައްކަތް ކުރި ފަރާތެކެވެ.
ހަސީނާ އަކީ 26 އަހަރާއި ތިން މަހާއި 25 ދުވަސް ވަންދެން ސިވިލްސަރވިސްގައި މަސައްކަތް ކުރި ފަރާތެކެވެ. މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ހަސީނާ ރިޓަޔާކުރި އިރު އޭނާ ހުރީ ގަމު ކައުންސިލްގެ ކައުންސިލް އެސިސްޓެންޓެއްގެ މަގާމުގައެވެ.
ގަމު ކައުންސިލްގެ ކައުންސިލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި އާމިނަތު އަހުމަދަކީ 18 ޖޫން 2002 އިން ފެށިގެން 22 މެއި 2025 އަށް 22 އަހަރާއި 10 މަހާއި 23 ދުވަސް ވަންދެން މަސައްކަތް ކުރި ފަރާތެކެވެ.
ރޭ ކުރިޔަށްދިޔަ ހަފްލާގައި ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވީ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އެވެ. ރިޓަޔާކުރި މުވައްޒަފުންގެ ތެރެއިން ވާހަކަ ދެއްކީ ޖަލީލެވެ.
ގަމު ކައުންސިލްގެ ވަޒީފާއިން ރިޓަޔާކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގައި އެ ކައުންސިލްގެ މުވައްޒަފުންނާއި ރިޓަޔާކުރި މުވައްޒަފުންގެ އާއިލާ މެންބަރުން ވަނީ ބައިވެރިވެފައެވެ.