ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި
Laamu Inter School Athletics championship fashaifi

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ލ.ގަމުގައި ކުރިޔަށްގެންދާ “ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް” ފަށައިފިއެވެ.
މިއަދު ހެނދުނު ފެށި މި މުބާރާތުގައި ލ.އަތޮޅުގެ ނުވަ ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ، އިހައްދޫ ސްކޫލް، ދަނބިދޫ ސްކޫލް، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް، ލާމު އަތޮޅު ތަޢުލީމީ މަރުކަޒު، މާމެންދޫ ސްކޫލް، ކަލައިދޫ ސްކޫލް، ކުނަހަންދޫ ސްކޫލް، ލާމު އަތޮޅު މަދަރުސާ އަދި މުންޑޫ ސްކޫލެވެ.
މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހަށް ކުރިޔަށްދާ މި މުބާރާތުގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އިވެންޓުތައް ކުރިޔަށްދާނެއެވެ. މި މުބާރާތުގައި ޖުމްލަ 59 އިވެންޓެއް ކުރިޔަށްދާނެއެވެ.
މުބާރާތުގެ އިވެންޓުތައް ހެނދުނާއި ހަވީރު ކުރިޔަށްދާނެއެވެ. އެގޮތުން، ހެނދުނު 7:00 ގައި ފަށާއިރު، ހަވީރުގެ އިވެންޓުތައް ފަށާނީ 16:00 ގައެވެ.
މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަނީ އެތުލެޓިކްސް އެސޯސިއޭޝަނާއި ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ އާ ގުޅިގެނެވެ.