ލާމު އިންޓަރ ސްކޫލް އެތުލެޓިކްސްގެ އެންމެ ކާމިޔާބު ސްކޫލަކަށް އެލްއޭއީސީ
Laamu Inter School Athletics ge enme kaamiyaabu school akah LAEC

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ލ.ގަމުގައި ކުރިޔަށްގެންދިޔަ “ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް” ގެ އެންމެ ކާމިޔާބު ސްކޫލަކަށް ލާމު އަތޮޅު ތައުލީމީ މަރުކަޒް (އެލްއޭއީސީ) ހޮވިއްޖެއެވެ.
ޖުމްލަ ނުވަ ސްކޫލަކުން ވާދަކުރި މި މުބާރާތުގައި ޖުމްލަ ތިން އުމުރުފުރާ އަކުން އިވެންޓުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށެވެ.
މި މަހުގެ 20 އިން 22 ގެ ނިޔަލަށް ގަމުގައި ކުރިޔަށްދިޔަ މި މުބާރާތުގައި އެންމެ ގިނަ މެޑަލް ހޯދާފައިވަނީ އެލްއޭއީސީ އިންނެވެ. މީގެއިތުރުން، ވަކިވަކި ކެޓެގަރީ ތަކުންވެސް އެ ސްކޫލުން ވަނީ ފުރިހަމަ ކާމިޔާބެއް ހޯދާފައެވެ. އެގޮތުން، 13 އަހަރުން ދަށުގެ އަންހެން، 13 އަހަރުން ދަށުގެ ފިރިހެން، 15 އަހަރުން ދަށުގެ އަންހެން، 15 އަހަރުން ދަށުގެ ފިރިހެން އަދި 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމަކީ އެލްއޭއީސީ އެވެ. 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ މާމެންދޫ ސްކޫލެވެ.
މި މުބާރާތުގައި ބައިވެރިވި ވަކިވަކި އެތުލީޓުންނަށް ބަލާއިރު، 13 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކީ އެލްއޭއީސީގެ އަލްކާ ނިމާލް އެވެ. އެ އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދަނބިދޫ ސްކޫލުގެ މުހައްމަދު އިވާން ރަމީޒެވެ.
15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކީ ހަމަދު ސްކޫލުގެ އާއިޝަތު އީޝަލް ބިންތި އިމާދެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ އިހައްދޫ ސްކޫލުގެ އަލީ ޔުއާން ބިން މުހައްމަދު ފާއިޒެވެ.
މިއަހަރުގެ މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އިހައްދޫ ސްކޫލުގެ އާއިޝަތު ޒައިކާ އެވެ. އެ އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދަނބިދޫ ސްކޫލުގެ އިބްރާހިމް ޖިނާން ބިން އަލީ އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމަލް 346 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.