އާއިލާގެ ނުގަބޫލުގައި މޫސަގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާލަނީ
Aailaage nugaboolugai moosa ge hashigandu raahje in beyrah fonuvaalanee

އަނިޔާވެރި ގޮތަކަށް މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އާއިލާގެ ނުގަބޫލުގައި ރާއްޖެއިން ބޭރަށް އޮޓޯޕްސީ ހެދުމަށް ފޮނުވާލަން ފުލުހުން ނިންމައިފިއެވެ.
މޫސަގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި، އާއިލާއިން އެއްވެސްގޮތަކަށް މޫސަގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން އޮޓޯޕްސީ ހަދާކަށް ބޭނުމެއް ނޫނެވެ. އާއިލާއިން ބޭނުންވަނީ ވީހާވެސް އަވަހަކަށް މޫސަގެ ހަށިގަނޑު ވަޅުލުމަށެވެ. އެއާ ހިލާފަށް، ފުލުހުން ބުނީ މޫސާ އިބްރާހީމް ގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް ތަހުގީގު ޓީމުން ނިންމައިފައިވާ ކަމަށާއި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކަރަށް ވަޅި ހަރައިގެން ( މޫސާ އިބްރާހިމް) މަރާލީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގައެވެ. މޫސަ މަރާލިކަމަށް ތުހުމަތުކުރެވޭ ހދ. ނޮޅިވަރަމްފަރަށް ނިސްބަތްވާ މުހައްމަދު އިބްރާހިމް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި މި ދެމީހުންގެ މެދުގައި ޖެހިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައެކެވެ. ދެމީހުންނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަން ފުލުހުންވަނީ ހާމަކޮށްފައެވެ.
މުހައްމަދު އިބްރާހިމް ވަނީ އަމިއްލައަކަށް ފުލުހާ ހަވާލުވެފައެވެ. އަދި މޫސަ މަރާލި ވަޅި އޮތްތަން ފުލުހުންނަށް ދެއްކީ ވެސް މުހައްމަދު އިބްރާހިމްއެވެ. ފުލުހުން ވަނީ މޫދަށް ފީނައިގެން އެ ވަޅިހޯދާފައެވެ.