މީޑިއާތައް ކޮންޓްރޯލްކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެމްޖޭއޭ އިން ގޮވާލައިފި

Media thah control kurumah hushahalhaafaivaa bill anburaa gendhiumah MJA in govaalaifi

ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

އެމްޖޭއޭ އިިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތުޅާދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަންގެ ބިލަކީ، އޭނާ ކުރިން ހުށަހަޅާފައިވާ ބިިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

އެ ޖިމިއްޔާއިން ބުނީ އެ ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމުހުރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ދެކޭ ކަމަށެވެ.

މީގެއިތުރުން،  އެ ބަޔާނުގައި ބުނީ ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި އެ ބިލްގެ މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނެ ފަދަ ގިނަ އިބާރާތްތަކެއް ހިމަނާފައިވާއިރު، ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެ ޖިމިއްޔާއިން ދެކޮޅު ހަދާކަމަށެވެ.

މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު، އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލް ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ބިލާ ގުޅޭ އެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވިކަން ކަށަވަރުކާން ފާހަގަކޮށް، އެބަޔާނުގައި ބުނީ ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި ބިލު މަޖިލީހަށް ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއްކަމަށެވެ.

ހަމަމިއާއެކު، އެ ބަޔާނުގައި ބުނީ އެ ޖަމިއްޔާއިން އަބަދުވެސް ވަކާލާތުކުރާ ކުރަނީ ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބަލާއިރު، މިހާރު އޮތް ނިޒާމު އިސްލާހުކުރަން ޖެހިފައިވީނަމަވެސް، ދެން އެކުލަވާލާ ނިޒާމު ވާންވާނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓް ކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށެވެ. އަދި އެފަދަ ނިޒާމެއް ގާއިމްކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ވެސް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

“މި ސަބަބުތައް އެހެން ހުރުމުން މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މި ޖަމިއްޔާއިން ތާއީދެއް ނުކުރަމެވެ. އަދި އެ ބިލް އަނބުރާ ގެންދިއުމަށް އެންމެހާ ނޫސްވެރިންގެ ފަރާތުން އެ ބިލް ހުށަހެޅި މެންބަރަށް މި ޖަމިއްޔާއިން ގޮވާލަމެވެ.” އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މިޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ވެސް ގޮވާލަނީ އެ ބިލަށް ޥޯޓު ނުދީ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރު ކުރުމަށް ކަމަށެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments