ދަނބިދޫ ސްކޫލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު އޯލެވެލްގެ ގަދަ 10 ގައި ހިމެނިއްޖެ
Dhanbidhoo school ge thaareehugai furathama faharah dhe dharivaraku O'level ge gadha 10 gai himenihje

ލ. ދަނބިދޫ ސްކޫލްގެ ދެ ދަރިވަރަކު އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނިއްޖެއެވެ.
އޯލެވެލްގެ ގަދަ ދިހައެއްގެ ތެރެއިން ހަތަރުވަނަ އަށް ހޮވިފައިވަނީ ދަނބިދޫ ސްކޫލްގެ އައިޝަތު އަރީން އިބްރާހިމް އެވެ. އެއީ 5 މައްދާއިން “އޭ ސްޓާރ” އަދި 3 މާއްދާއިން “އޭ” ހޯދައިގެނެވެ. ގަދަ ދިހައެެއްގެ ހަވަނަ އަށް ހޮވިފައިވަނީ ފާތިމަތު ރައްޔަ އަހުމަދުއެވެ. އެއީ” 3 އޭސްޓާރ” އަދި “5 އޭ” ހޯދައިގެނެވެ.
ދަނބިދޫ ސްކޫލުގެ ތާރީހުގައިވެސް އޯލެވެލް އިމްތިހާނުން ގަދަ ދިހައަކަށް ދަރިވަރުން ހޮވުނު ފުރަތަމަ ފަހަރެވެ.
މިކަމާއި ގުޅިގެން ލާމު އެމްވީއަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާފިއު ވިދާޅުވީ މި އުުފާ ލިބުމަށް އަބަދުވެސް ސްކޫލްގެ އެންމެހާ ޓީޗަރުން އެދޭ ފަދައިން ޕްރިންސިޕަލްގެ ހައިސިއްޔަތުން އުއްމީދު ކުރާ ކަމަށެވެ. އަދި މިކަން ހަގީގަތަކަށް ހަދައިދިނުމުން އެކުދިންނަށްޓަކައި ފަހުރުވެރިވާ ކަމަށެވެ.
މީގެއިތުރުން ޕްރިންސިޕަލް ވިދާޅުވީ މިފަދަ ކާމިޔާބީއަކީ ސްކޫލް ބޮޑުވެގެން ނުވަތަ ވަސީލަތް ފުރިހަމަވެގެން ލިބޭ އެއްޗެއް ނޫންކަން އެ ކުދިން ސާބިތު ކޮށްދީފި ކަމަށެވެ. އެހެންކަމުން، ކާމިޔާބީއަކީ ދަރިވަރުން ދުރާލާ އިމްތިހާނަށް ތައްޔާރުވުންކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ. ޝާފިއު ވިދާޅުވީ ޓީޗަރުންނަށް މި ލިބުނު ހިތްވަރަކީ މުސްތަގުބަލުގައި ކުރާ އުންމީދު އިތުރު ކޮށްދޭ ކަމެއް ކަމަށެވެ. އަދި ޓީޗަރުން މި މަގާމު ހޯދުމަށް ކުރި ހިތްވަރާ ހޭދަކުރި ވަގުތަށް ވަނީ އައްސަރިބަހާއި ސާބަސް ދީފައެވެ.
“ސްކޫލް އިން އަބަދުވެސް އުއްމީދުކުރަނީ ދިރިއުޅުމަށް ފައްކާވެ ގައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުން. އެހެންކަމުން އަތޮޅުގެ އެހެން ސްކޫލްތަކުން، ހާއްސަކޮށް ހަމަދު ސްކޫލްގެ އެހީތެރިކަމާ އެކު ދަރިވަރުންގެ އުގަންނައި ދިނުމަށް އިތުރު އެހީތެރިކަން ހޯދުން އެއީ ކުރެވޭނެ ކަމެއް. މި ފުރުސަތުގައި ހަމަދު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު އަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކުރަން.”
ޝާފިއު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގައިވެސް މި ކާމިޔާބީ ތަކުރާރު ކުރުމަކީ މުޅި ސްކޫލްގެ ލަނޑުދަނޑި ކަމަށެވެ.