ގަމު ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ޕޯޓަލް އެއް އުފައްދަނީ
Gan Council ge hidhumaiy thah digitalize kurumah portal eh ufahdhany

ހައްދުންމަތީ ގަމު ކައުންސިލް އިދާރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ޒަމާނީކޮށް ރައްޔިތުންނާ ގާތުން ހިދުމަތްތައް ގެނައުމަށް ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށް ހިންގަން ނިންމައިފިއެވެ.
ގަމު ކައުންސިލުން ވަނީ ޑިޖިޓަލް ޕްލެޓްފޯމް ފަރުމާ ކުރުމުގެ މަސައްކަތް ޓްރޭޑްނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެގޮތުން، މިހާރު ވަނީ ޓްރޭޑްނެޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް، އިބްރާހިމް ރަޝީދެވެ. އަދި ޓްރޭޑްނެޓްގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓްގެ ޖެނެރަލް މެނޭޖަރ، އަހުމަދު ވާރިޝް މުހައްމަދެވެ.
ޕޯޓަލްގެ މަސައްކަތް ނިމުމާއެކު ކައުންސިލުން މިހާރު ބޭނުންކުރަމުންދާ އެހެނިހެން ޕްލެޓްފޯމްތަކާއި ޕޯޓަލްތައް އައު ޕޯޓަލް އާ ގުޅާލެވޭނެއެވެ. އެޔަށްފަހު، ކައުންސިލުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތައް މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ޕޯޓަލް ފަރުމާކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި ފަންނީ މަސައްކަތެއް ޓްރޭޑްނެޓުން ކުރާނެއެވެ. އަދި، ޕޯޓަލް ގަވައިދުން ބަލަހައްޓައި، އަޕްގްރޭޑްކޮށް، ޕޯޓަލް މަސައްކަތްކުރާކަން ކަށަވަރުކުރާނެއެވެ.
މި މަޝްރޫއު ނިމުމާއެކު، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކާއި މުވައްޒަފުންނަށް އިތުރަށް ލުއިފަސޭހަ ވެގެންދާނެއެވެ.