ނޫސްވެރިން ބިލު ބޭރުކުރަން އެދުމުންވެސް، މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި
Noosverin bill beyru kuran edhumun ves, media bill majileehun faas kohfi

މީޑިއާ ރެގިއުލޭޓް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރުމަށް ނޫސްވެރިން އަޑު އުފުލަމުން ދަނިކޮށް، މަޖިލީހުން ބިލު ފާސްކޮށްފިއެވެ.
މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ބިލު ފާސްކޮށްފައިވަނީ މިއަދު ހަވީރު ބޭއްވި ދައުރުން ބޭރު ޖަލްސާގައި 60 މެންބަރުންގެ ވޯޓާއެކުގައެވެ. މި ބިލާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ. މި ބިލް ފާސް ކުރީ އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުގައި މުޒާހަރާ ކުރަމުން ދަނިކޮށްށެވެ، ޖަލްސާ އިތުރަށް ހޫނުވެ، އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުން ނެރެފައެވެ.
މި ބިލަށް އިތުރު އިސްލާހުތައް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މެންބަރު މީކާއިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވާތީވެ، ހުށަހެޅި އިސްލާހުތަަކަށް ވޯޓަށް ނާހާއެެވެ. މެންބަރު މަމްދޫހު ހުށަހެޅި އިސްލާހަށް މަމްދޫހު ހުށަހެޅި އިސްލާހުތަކަށް ވަކިވަކިން ވޯޓަށް އަހާފައި ވެއެވެ.
މަޖިލީހުން ބިލް ފާސްކޮށްފައިވަނީ، ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހުތައް ގެނެސް ބައެއް މާއްދާތައް އުނިކޮށްގެންނެވެ. އެގޮތުން، މި ބިލަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ވަކިވަކި ނޫސްވެރިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި އޮތް މާއްދާ އުނިކުރުމެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ފާސްކޮށްފައިވާ މި ބިލާއެކު މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދެން ޖެހެއެވެ. އަދި ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކުރަންވެސް ޖެހެއެވެ.
މީގެއިތުރުން، މި ބިލާއެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކުރަން ވެސް ޖެހެއެވެ. ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުމުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެއެވެ. އެގޮތުން، ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ކަމަށް ބުނެވޭ ހާލަތެއްގައި ސަރުކާރުން އެ ކޮންޓެންޓް ޝާއިއުކުރި ވަސީލަތެއް ހުއްޓުުވުގެ ބާރުވެސް ލިބެއެވެ.
މީޑީއާ ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ މާއްދާ ވަނީ އުނިކޮށްފައެވެ. މި ބިލުގެ ދަށުން އުފައްދާ ހަތް މެމްބަރުންގެ ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މި ކޮމިޝަނަށް ރައީސް އައްޔަންކުރުމުގެ ބާރު ދީފައި ވަނީ ވެސް މަޖިލީހަށެވެ.
ބިލާއި ދެކޮޅަށް 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް އެ ޕެޓިޝަން ވެސް ވަނީ ބޭރުކޮށްލާފައެވެ.