“ވޯލްޑް ކްލީން އަޕް ޑޭ” އާ ގުޅިގެން ގަމުގެ ތިން ސަރަހައްދެއް ސާފުކޮށްފި
"World Clean up day" aa gulhigen gamuge 3 sarahahdheh saafukohfi

“ވޯލްޑް ކްލީން އަޕް ޑޭ” އާ ގުޅިގެން ހައްދުންމަތީ ގަމުގެ ތިން ސަރަހައްދެއްގެ ގޮނޑުދަށް ސާފުކޮށްފިއެވެ.
މިއަދު ހެނދުނު ކުރިޔަށްދިޔަ މި ހަރަކާތުގައި ސާފުކޮށްފައިވަނީ މުކުރިމަގު އަވަށު މޫދަށް އެރޭ ސަރަހައްދާއި މަތިމަރަދޫ އަވަށު މޫދަށް އެރޭ ސަރަހައްދުގެ އިތުރުން ތުނޑީ އަވަށު މޫދަށް އެރޭ ސަރަހައްދެވެ.
ގަމު ކައުންސިލުން އިސްނަގައިގެން ހިންގި މި ހަރަކާތުގައި ބައިވެރިވެފައިވަނީ އެ ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އެމްއެންޑީއެފް، ޕަބްލިކް ވޯކްސް، އެމްޓީސީސީ، ގަމު ރީޖަނަލް ހޮސްޕިޓަލް، ޕޮލިސް، ކަސްޓަމްސް، ފެނަކަ އަދި ވެމްކޯގެ މުވައްޒަފުންނެވެ. މީގެއިތުރުން، ގަމުގެ ބައެއް ޖަމިއްޔާތަކުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
ގަމު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެކެވެ. އެގޮތުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި ނެގުނު ކަމަށާއި، މުޅި ރަށަށް ބަލާއިރު ބޮޑު ސަރަހައްދެއް ސާފުކުރެވުނު ކަމަށް އެ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
“ވޯލްޑް ކްލީން އަޕް ޑޭ” އާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ސާފުކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.