އޮންލީ، ޖެންނޭ އަދި ޕަފް ގައުމީ ސްކޮޑަށް
Only, Jenney adhi Puff gaumee squad ah

އަންނަ މަހު، ތައިލެންޑްގައި ފަށާ ސާފް ފުޓްސެލް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ފުޓްސަލް ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ލ.ގަން ފުޓްސަލް ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ)، އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި މުހައްމަދު ލުފްސާން (ޕަފް) ޖާގަ ހޯދައިފި އެވެ.
ލ. އަތޮޅުން ގައުމީ ފުޓްސަލް ޓީމު ތަމްސީލު ކުރާނީ މި ތިން ކުޅުންތެރިންނެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ލ. ގަމަށް ނިސްބަތްވާ ތިން ކުޅުންތެރިންނެވެ. މި ތިން ކުޅުންތެރިން ވަނީ ގަމު ފުޓްސަލް ޓީމާއެކު،2023 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކޮށްފަ އެވެ.
މި އަހަރަށް ބަލާއިރު، ލުފްސާން ވަނީ ނިމިދިޔަ ކްލަބް މޯލްޑިވްސް ކަޕް، އަދި ކްލަބް މޯލްޑިވްސް ކިންގްސް ކަޕް ރޯޑް ރެކްރިއޭޝަން ކްލަބާއެކު ކާމިޔާބުކޮށްފަ އެވެ.
ސާފް އިން އިންތިޒާމުކޮށްގެން ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޖަނަވަރީ 13 އިން 26 އަށެވެ. ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި ޖަނަވަރީ 14 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޖަނަވަރީ 16 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި ޖަނަވަރީ 20 ވަނަ ދުވަހު ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.




