ކުނަހަންދޫ އާއި ގަން އެއްވަރުވެ، ފޯރި ގަދަވެއްޖެ!
Kunahandhoo aai Gan ehvvaruve, foari gadha vejje!

ލ. ގަމުގައި މިހާރު ކުރިއަށްދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. ކުނަހަންދޫ އާއި ގަން ބައްދަލުކުރި މެޗު އެއްވަރުވެ، ލީގު ބުރުގެ ފޯރި ގަދަވެއްޖެ އެވެ.
މިއަދު ހަވީރު ގަން ޒޯނު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ. އެއާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ގަމާއި ކުނަހަންދޫ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ކުނަހަންދޫ އިން ވަނީ މާބައިދޫގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިފަ އެވެ. އަދި ގަމުން ކުޅުނު ފުރަތަމަ މެޗުގައި ފޮނަދޫގެ މައްޗަށް ކުރިހޯދީ ވެސް 1-0 ގެ ނަތީޖާ އަކުންނެވެ.
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދޫ، މާބައިދޫ، ފޮނަދޫ އަދި ގަމެވެ.
މި ފަހަރުގެ އަތޮޅު މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ޑިވިޝަނަށް އާދެވޭ ގޮތަށް ހަތަރު ރީޖަން އަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔުމެވެ.
ލީގު ބުރުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ގަމުން ނުކުންނާނީ މާބައިދޫއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ކުނަހަންދޫ އިން ނުކުންނާނީ ފޮނަދޫއާ ދެކޮޅަށެވެ.




