ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ.
ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެފައިވަނީ ހޮނިހިރު ދުވަހުގެރޭ ކުޅެވުނު ގުރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު އެވެ. އެގޮތުން، ސެމީ ފައިނަލުގެ ޖާގަތަށް ހޯދާފައިވަނީ ޑީޑީއެފް ގާލްސް ޖެނެރޭޝަން، ޓީމް އަޒުމް، ފީނިކްސް އަދި ސްޓާލިޓް އެވެ.
ގުރޫޕު ބީގައި ދެ ޓީމު އޮތުމުން، ސެމީ ފައިނަލުގެ ޖާގަ ވަނީ ދެ ޓީމަށްވެސް ލިބިފަ އެވެ. ދެ މެޗުން މޮޅުވެ ގުރޫޕުގެ އެއްވަނަ ހޯދާފައިވަނީ ޑީޑީއެފް ގާލްސް ޖެނެރޭޝަން އިންނެވެ.
ހޮނިހިރު ދުވަހުގެރޭ ޑީޑީއެފް ގާލްސް ޖެނެރޭޝަން އިން ޓީމް އަޒުމް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 25-18، 25-20 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީޑީއެފްގެ އައިޝަތު ރީމާ އެވެ.
ގުރޫޕު އޭގެ އެއްވަނަ ހޯދާފައިވަނީ ފީނިކްސް އިންނެވެ. ފީނިކްސް އިން ހޮނިހިރު ދުވަހުގެރޭ ޑީޑީއެފް ދޫނީސް ބަލިކުރީވެސް ތިން ސެޓުންނެވެ. ފީނިކްސް އިން ސެޓުތައް ކާމިޔާބުކުރީ 25-19، 25-15، އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިޝަތު ސަނާ އެވެ. ގުރޫޕު އޭ ގެ ދެވަނަ ހޯދާފައިވަނީ ސްޓާލިޓް އިންނެވެ.
އާދީއްތަ ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލުގައި ފީނިކްސް ނިކުންނާނީ ޓީމް އަޒުމް އާ ދެކޮޅަށެވެ. އަދި ސްޓާލިޓް ބައްދަލުކުރާނީ ޑީޑީއެފް ގާލްސް ޖެނެރޭޝަން އާ އެވެ.