ގަމު ރީޖަނަލް ހޮސްޕިޓަލް އޮތީ ފެއިލްވެފައި ކަމަކަށް ގަބޫލެއް ނުކުރަން: ސީއީއޯ
Gamu regional hospital othee fail vefai kamakah gabooleh nukuran: CEO

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އަކީ ފެއިލް ވެފައި އޮތް ހޮސްޕިޓަލެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން ވިދާޅުވެއްޖެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް އިން ޚިދުމަތް ހޯދި އާންމު މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރު ވިޔަސް އަދި މަޖިލިސް ވިޔަސް ، އަދި ކައުންސިލަރުން ކަމުގައި ވިއަސް އަދި ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބޮޑުން ކަމުގައި ވީ ނަމަވެސް، އޮތީ ފެއިލްވެފައި ކަމަށެވެ.
އެމީހާ ބުނީ، ހިތުގެ ބަލި ހުންނަ މީހަކު ސާރަޖަރީއެއް ކޮށްގެން ފެބްރުއަރީ 5 ވަނަ ދުވަހު އިންޑިއާ އިން ރަށަށް އައި މީހަކު، ޗިކެން ޕޮކްސް ޖެހިގެން ފަރުވާ ހޯދުމަށް ގަމު ރީޖަނަލް ހޮސްޕިޓަލް އަށް ގުޅާފައިވާ ކަމަށެވެ.
އެމީހާ ބުނީ ޗިކެން ޕޮކްސް ޖެހިގެން ވަކިން ގޭގައި އޮވެފައި، ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގުޅުމުން ބުނީ އޯޕީޑީ އަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. މީގެއިތުރުން، އެމީހާ ބުނީ އެމްބިއުލާންސްއާ ބަލި މީހާ ގެންގޮސް، ޑޮކްޓަރަށް ދެއްކުމަށްފަހު ގެއަށް ލައިދޭން ބުނުމުން ބުނީ، އެމްބިއުލާންސް އިން ގެއަށް ލައިނުދޭ ކަމަށެވެ.
ބަލިމީހާ ޑޮކްޓަރަށް ގެންދިޔައީ،3 ދުވަސް ވާދެކަށް ނުކެވި، ނުތެދުވި އޮތުމުން ކަމަށް އެމީހާ ބުނެފައިވެއެވެ.
މީގެއިތުރުން، ފެބްރުއަރީ 14 ވަނަ ދުވަހު ދަންވަރު، ޗިކެން ޕޮކްސް ޖެހުނު ބަލިމީހާ އެއްފަރާތު ވާގި ނެތިގެން ހޮސްޕިޓަލަށް ގެންދިއުމަަށް ގުޅުމުން ބުނީ، އެމްބިއުލާންސް އާގެންދެވޭތޯ ބެލުމަށްފަހު ހަބަރުވާނެ ކަމަށެވެ.
އެހެންނަމަވެސް، އެމީހުން 24 ގަޑިއިރުވެގެން ދިޔައިރުގައި ވެސް ހަބަރު ނުވާ ކަމަށް އެމީހާގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
މިކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހޯދުމަށް ލާމު އެމްވީ އިން ސީއީއޯ އަބްދުލް ހަންނާން އާ ގުޅުމުން ވިދާޅުވީ، އެކަމުގެ މައުލުމާތު ލިބިފައިވާ ކަމަށާއި، ހޮސްޕިޓަލުން އަމަލުކުރީ ކިހިނެއްތޯ ބެލިކަމަށެވެ.
“ ޕޭޝަންޓްގެ ފަރާތުން، އާންމު އޯޕީޑީ އަށް ގުޅީ، ހޮސްޕިޓަލުގެ ފަރާތުން ޖަވާބު ދެއްވި ކުއްޖާ ވިދާޅުވީ، އާންމު ބަލި މީހެއް ވެއްޖިއްޔާ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކޭނެ ކަމަށް.”
ހަންނާން ވިދާޅުވީ، ގަން ފޮނަދޫގެ ކޮންމެ ހިސާބަކަަށްވެސް، އެމްބިއުލާންސް ފޮނުވޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.
އަދި އެންމެ ކައިރީގައި ހުރި ހެލްތު ސެންޓަރަކަަށް ގޮސް ފަރުވާ ހޯދުމަށާއި ފޮނަދޫ ހެލްތު ސެންޓަރުން ފަރުވާ ހޯދުމަށް ފަސޭހަ ވާނެ ކަމަށް ވެސް ހޮސްޕިޓަލް އިން މައުލޫމާތު ދިން ކަމަށް ހަންނާން ވަނީ ވިދާޅުވެފައެވެ.
“އެ ޕޭޝަންޓު ގެނައީ ގަމު ރީޖަނަލް ހޮސްޕިޓަލަށް، މިކޮޅުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަަށް މާލެ ފޮނުވިފައި ވާނީ.”
ހަންނާން ވިދާޅުވީ އެފަދަ ގައިން ގަޔަަށް އަރާ ބަލިތަކަށް ފަރުވާ ދިނުމަށް އައިސޮލޭޝަން ގެ ވަކި ޑިޕާޓްމެންޓް އެއް ހޮސްޕިޓަލުގައި އިންނާނެ ކަމަށެވެ. އެތަނަށް ޕޭޝަންޓްގެ އެހީތެރިކަމަށް ވެސް ވަދެވެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށާއި ކޮންމެ ކޮންމެ މީހަކަށް އެ ރޫމްތަކަށް އެކްސެސް ވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ހަންނާން ވަނީ ވިދާޅުވެފައެވެ.
“އޭގެ މާނައަކީ، ޕޭޝަންޓު ކައިރިއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ނުދިނީކީ އެއް ނޫން ، އެއީ އާންމު މީހުންގެ ރައްކަލަކަށް އަޅާ ފިޔަވަޅެއް.. “
މިއީ ގަމު ރީޖަނަލް ހޮސްޕިޓަލް އިން އެކަނި އަމަލުކުރާ އުސޫލެއް ނޫން ކަމަށާއި, ހުރިހާ ހޮސްޕިޓަލަކުންވެސް އަމަލު ކުރާނީ އެގޮތަށް ކަމަށްވެސް ހަންނާން ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު ގަބޫލެއް ނުކުރަން ގަން ރީޖަނަލް ހޮސްލިޓަލް އޮތީ ފެއިލްވެފައި ކަމަކަށް. ގަމު ހޮސްޕިޓަލް ފެއިލްވެފައޭ ބުނާވަރުގެ ކޭސްއެއް ނުހިނގާ. އަދި އެވަރުގެ ކޭސް އެއް ފުލުހުން ފާއިތުވި 10 އަހަރުގެ ތެރޭގައި ތަހުގީގެއް ވެސް ނުކުރޭ.”
ހަމަމިއާއެކު، މިއަހަރު ޖެނުއަރީ އިން ފެށިގެން، ޚިދުމަތްތައް އިތުރު ކުރެވިފައިވާއިރު، ހޮސްޕިޓަލް ފެއިލްވެއްޖެ ކަމަށް ބުނާނަމަ، ފެއިލްވީ ކޮން ކަމަކުންތޯ ވެސް އެނގެންޖެހޭ ކަމަށެވެ.
މިހާރު ކިއުއާރު ކޯޑު މެދުވެރިކޮށް ހޮސްޕޮޓަލްގެ ޚިދުމަތުގެ ފެންވަރު މިން ކުރެވޭނެ ކަމަށާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އެކަން ރަނގަޅަށް ބަލާނެ ކަން ހަންނާން ވަނީ ފާހަގަކުރައްވާފައެވެ.
ހަންނާން ވިދާޅުވީ، ފާއިތުވި އަހަރު 86،000 ވުރެ ގިނަ މީހުން ހޮސްޕިޓަލުން ޚިދުމަތް ހޯދާފައިވާ ކަމަށެވެ.
“ވަރަށް ބޮޑު ، ކްރިކްޓިކަލް ކޭސްތައް މެނޭޖްކޮށްފައިވާނެ. ޑޮކްޓަރުންނާއި މެޑިކަލް ޓީމް ވެސް ވަރަށް ކުއަލިފައިޑްވާނެ.”
ހަންނާން އިތުރަށް ވިދާޅުވީ،އެކަހަލަ ކްރިކްޓިކަލް ކޭސް އެއް ހޭންޑަލްކޮށް ފަރުވާ ދިނުމަށްފަހު މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލް އަށް ފޮނުވުމުން، އައިޖީއެމްއެޗް ގެ ހެޑް ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސާރޖަރިކަލް ޓީމަށާއި، މުޅި ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޓީމަށް ތައުރީފުކޮށް މަރުހަބާ ކިޔާފައި ކަމަށެވެ.




