ގާނޫނު އަސާސީއަށް އިތުރު އިސްލާހުތައް ނުގެންނާނަން، ޖުޑިޝަރީ އިސްލާހު ކުރަން އެބަޖެހޭ: ރައީސް
Gaanoonu asaasee ah ithuru islaahuthah nugehnaanan, Judiciary islaahu kuran eba jehey:Raees

ގާނޫނު އަސާސީއަށް އިތުރު ބަދަލުތަކެއް ދެން ނުގެންނާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ، ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމުކުރައްވާކަމަށާއި، ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ރުހޭ ކަމެއް ނޫން ކަމަށެވެ.ނިމިދޔަ އިންތިހާބުގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުން ނިކުތް ނަތީޖާއަކީ އޭގެ ވަރަށް ސާފު މެސެޖެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ބޮޑެތި އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.އެގޮތުން މަޖިލީހުގެ މެންބަރުން އިތުރުނުވާނެހެން މެންބަރުންގެ އަދަދު ހިފަހެއްޓުމާއި ޖުޑީޝަރީގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށުން ސަލާމަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖުޑީޝަލް ކައުންސިލް ޖޭއެސްސީގެ ދަށުގައޮ އޮތުމުން އިދާރީ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވާނޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ޖޭއެސްސީގެ ދަށަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެންގޮސްފައިވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށެވެ. ޑީޖޭއޭއަކީ އަލުން އުފައްދާ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.އެއާއެކު، ކޯޓުތަކުގެ އިދާރީ އަދި ފަންނީ ކަންކަން ނިންމުމުގައި ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށާއި، އެކަންކަން ނިންމުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ ސަރުކާރުގެ ރީފޯމް އެޖެންޑާގެ މުހިންމު ބައެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.




