ބީއެމްއެލް ސައުތު ރީޖަން ލީގު މާދަމާ ފަށަނީ: ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގަމާއި ގައްދޫ
BML South region league maadhama fashany, Furathama match gai bahdhal kuraany Gamaai Gadhdhoo
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ބީއެމްއެލް ސައުތު ރީޖަން ލީގު މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކޮލިފިކޭޝަން މަރުހަލާއަށްފަހު، މި ލީގުން ފުރުސަތު ހޯދާފައިވަނީ ކޮންމެ ޒޯނަކުން އެންމެ ކުރި ހޯދި ދެ ޓީމެވެ. އެގޮތުން ޒޯން އެކަކުން ލީގަށް ކޮލިފައިވީ ޗެމްޕިއަން ލ. ގަމާއި ރަނަރަޕް ލ. ކުނަހަންދޫ އެވެ. ޒޯން ދޭއްގެ ގްރޫޕުން ލީގުގެ ޖާގަ ކަށަވަރުކުރީ ގދ. ގައްދޫ އާއި ސ. ފޭދޫ އެވެ.
“ހޯމް އެންޑް އަވޭ” އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ހަވީރު 16:00 ގައި އޮންނާނެއެވެ. ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ލ. ގަމާއި ގދ. ގައްދޫ އެވެ.
މުބާރާތުގެ ތާވަލު ރޭވިފައިވާގޮތުން، ގަމުން ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 6 ވަނަ ދުވަހު ނުކުންނާނީ ސ. ފޭދޫއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި މި މަހުގެ 9 ވަނަ ދުވަހު ވާދަކުރާނީ ލ. ކުނަހަންދޫއާއެވެ. ގަމުން ކުޅޭ މި ދެ މެޗުވެސް އޮންނާނީ ގަމު ޒޯން ސްޓޭޑިއަމްގައެވެ.
ލީގުގެ “އަވޭ” މެޗުތަކަށް ބަލާއިރު، ގަމުގެ ހަތަރުވަނަ މެޗުގައި މޭ 13 ވަނަ ދުވަހު ފޭދޫގައި އެ ރަށު ޓީމާ ދެކޮޅަށް ކުޅޭނެއެވެ. ފަސްވަނަ މެޗުގައި މޭ 16 ގައި ކުނަހަންދޫގައި އެ ރަށާ ދެކޮޅަށް ނުކުންނައިރު، ލީގުގެ ފަހު މެޗުގައި މޭ 20 ވަނަ ދުވަހު ގަމުން ނުކުންނާނީ ގައްދޫގައި އެ ރަށު ޓީމާ ދެކޮޅަށެވެ.
ޖުމްލަ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ހުރިހާ މެޗެއް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ. މި ރީޖަންގެ ޗެމްޕިއަން ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުން ފުރުސަތު ލިބިގެންދާނެއެވެ.




