އަގުހެޔޮކޮށް 2.5 މިލިއަން ލީޓަރުގެ ތެޔޮ މަސްވެރިންނަށް ފޯރުކޮށްދީފި
Aguheyokoh 2.5 million litre ge theyo masverinnah foaru kohdheefi

މަސްވެރިންނަށް ހެޔޮ އަގުގައި 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފިކަމަށް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައިވެސް ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާކަން މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާއެކު، މަސްވެރިންނަށް ދަތިކަމެއްނެތި މަސްކަނޑުތަކަށް ނިކުތުމުގެ މަގު ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް ޖުމްލަ 1،832 ދޯންޏަކަށް އަގުހެޔޮކޮށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ވިއްކާ ތެޔޮ އެސްޓީއޯ މެދުވެރިކޮށް ފޯރުކޮށްދިނުމަކީ މަސްވެރިންގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން، މިހާރު ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި، އެ ތެޔޮ ފޯރުކޮށްދެމުންދަނީ އެސްޓީއޯ މެދުވެރިކޮށެވެ.
އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެކަމުގައި ކޮންމެވެސް ވަރެއްގެ ލަސްކަމެއް އަދި ދަތިތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުރިއަށް އޮތްތަނުގައި އެ ކަންކަން ޙައްލުކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ޔަޤީންކަން މިނިސްޓަރ ޝިޔާމް ދެއްވިއެވެ.
ދުއިރުމަތީގެ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އޭގެ ނޭދެވޭ އަސަރު ދިވެހި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތަށް ވެސް ވަނީ ފޯރާފައެވެ.




