ބޫކިންގ ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Booking.com ge namugai olhuvaalaigen scam message thakeh fonuvaathee samaaluvumah ilthimaas koffi

މަޝްހޫރު ހޮޓެލް ބުކިންގ ސައިޓެއް ކަމަށްވާ ”ބޫކިންގ ޑޮޓްކޮމް“ ގެ ނަމުގައި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލުމަށް އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދުވަސްވަރު ފޮނުވަމުންދާ މި މެސެޖުތަކުގައި ބުނަމުންދަނީ ރީފަންޑެއް ދިނުމަށްޓަކައި ކާޑު ވެރިފައިކުރަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ބޭނުންވާނަމަ 24 ގަޑިއިރުގެ ތެރޭގައި އެކައުންޓް ވެރިފައި ކުރަންޖެހޭނެ ކަމަށް ބުނެ، މީހުން ބިރުގަންނުވައި ނުވަތަ އަވަސްއަރުވާލައިގެން މައުލޫމާތު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން އެންޓި-ސްކޭމް ސެންޓަރުން ވިދާޅުވީ، އެއްވެސް ކުންފުންޏަކުން ރީފަންޑު ދިނުމަށްޓަކައި ކާޑުގެ ނަންބަރާއި، ސީ.ވީ.ވީ ނަންބަރު ނުވަތަ ކާޑުގެ މުއްދަތު ހަމަވާ ތާރީޚު ހޯދުމަށް އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށެވެ.
އެހެންކަމުން، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން މެސެޖުތަކުގައި ހުންނަ ކަހަލަ ލިންކުތަކަށް ނުފިތުމަށާއި، ވަން ޓައިމް ޕާސްވޯޑް (އޯ.ޓީ.ޕީ) އަދި ބޭންކް ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް ތަފާތު އެކި ކުންފުނިތަކުގެ ނަމުގައި މެސެޖު ފޮނުވައިގެން އާންމުންގެ ބޭންކް އެކައުންޓްތަކުން ފައިސާ އަތުލާ މައްސަލަތައް ވަނީ އިތުރުވެފައެވެ.




