ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމުގެ އައު ގަވާއިދަށް އަމަލުކުރަން ފަށައިފި: އިސްލާހުކުރަން 6 މަސްދުވަސް

Kaaboathakethi bandhukoh label kurumug au gavaaidhah amalukuran fashaifi: Islaahu kuran 6 mass dhuvas

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކުލަވާލި ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އައު ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ. މިދިޔަ ހަފުތާގައި އާންމުކުރި މި ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލްކުރުމުގެ ކަންކަން އިސްލާހުކުރުމަށް ވިޔަފާރިވެރިންނަށް 6 މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ބަންދުކުރުމުގެ މިންގަނޑުތަކަށް ބޮޑެތި ބަދަލުތަކެއް

އައު ގަވާއިދުގައިވާ ގޮތުން ކާބޯތަކެތި ބަންދުކުރަންވާނީ ހަމައެކަނި ’ފުޑް ގްރޭޑަޑް‘ މެޓީރިއަލްތަކުގައެވެ. މީގެ ކުރިން ބައެއް ފަރާތްތަކުން ބޭނުންކުރަމުން އައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕެޓް ފުޅި ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މިހާރު މަނާކަމެކެވެ. އަދި އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ތަކެތި އެތެރެކުރުމާއި ވިޔަފާރީގެ ބޭނުމަށް އުފެއްދުމަކީވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް

މި ގަވާއިދުގެ ދަށުން އާންމު ސިއްޙަތަށް ނުރައްކާވާފަދަ އިހުމާލެއް ވެއްޖެނަމަ، އެ ފަރާތެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ހިފެހެއްޓުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. ޖޫރިމަނާގެ ގޮތުގައި 10,000 ރުފިޔާއިން ފެށިގެން 750,000 ރުފިޔާއާ ދެމެދުގެ އަދަދުތަކުން ފިޔަވަޅު އެޅޭނެއެވެ. އަދި އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

ލޭބަލްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތައް ކުށް ތަކުރާރުކުރާ މިންވަރަށް ބަލައި ޖޫރިމަނާ އިތުރުވަމުންދާނެއެވެ. އެގޮތުން ފަސްވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 1,000,000 ރުފިޔާއިން ޖޫރިމަނާކޮށް، ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެއެވެ. މި އައު ގަވާއިދާއެކު، މީގެ ކުރިން އަމަލުކުރަމުން އައި ކާބޯތަކެތި ލޭބަލްކުރުމުގެ ޤައުމީ މިންގަނޑު މިހާރު ވަނީ އުވާލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments