ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
Kanduthakuge dhuvas faahagakurumah farumasverikamuge mubaaraatheh baahvanee

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހުކުރު ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް، މާލެ ސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 ޖޫން 2026 ގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 3339225 ނުވަތަ 3339272 އާ ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ. މިއީ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން އާންމުންގެ މެދުގައި ކަނޑުގެ ވަސީލަތްތަކަށް އޮންނަ ލޯބި އިތުރުކުރުމަށް ބާއްވާ ހަރަކާތެކެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ ”ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އޭ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން“ އެވެ. މީގެ މާނައަކީ އަޅުގަނޑުމެންނަށް އެނގިފައިވާ ދުނިޔެއަށްވުރެ ބޮޑަށް، ކަނޑާ އެކު އޮންނަ ގުޅުން އާ ގޮތަކަށް ބައްޓަންކުރުމެވެ. ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކުން އަންނަނީ ހިންގަމުންނެވެ.




