އަމާޒަކީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ، އިތުރަށް މައްޗަށް ގެންދިއުން: ރައީސް މުޢިއްޒު
Amaazakee mahuge agu 20 rufiyaa ahvure dhahviya nudhee, ithurah mahchah gendhiun: Raees Muizzu

ސަރުކާރުގެ އަމާޒަކީ މަހުގެ އަގު ކިލޯއެއް 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުން ކަމަށާއި، ކުރިމަގުގައި އެއަށްވުރެ ވެސް އަގު މަތިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ދަ ޕަލްސް“ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް، އެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށާއި، މިފްކޯގެ ކެޕޭސިޓީއަށް ގެންނަ ބަދަލުތަކާއެކު މަސް ގަންނަ އަގު މިހާރު 20 ރުފިޔާއަށް އުފުލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަހުގެ އަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ”މިކަމުގައި އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ މަހުގެ އަގު ހިފެހެއްޓޭނެ ގޮތަކަށް. 20 ރުފިޔާގެ ރެޓުގައި. އެހެންނަމަވެސް އެންމެ ދަށްކޮށްވިޔަސް 18 ރުފިޔާއަށްވުރެ ކުޑަނުވާނެގޮތަށް މަސްވެރިކަމުގެ ސިނާއަތުގެ ކަންކަން ސަރުކާރުން ތަންފީޒުކުރަމުންގެންދާނަން. އަމާޒަކީ އަބަދުވެސް 20 ރުފިޔާގައި ހިފެހެއްޓުން. އަދި އެއަށްވުރެ މައްޗަށްވެސް ގެންދެވޭ ވަރުވީމަ ގެންދިއުން،“ ކަމަށެވެ.
މަހުގެ އަގު ހިފެހެއްޓުމަށްޓަކައި މަސް ރައްކާކުރެވޭނެ ނިޒާމުތައް ހަރުދަނާކޮށް، ވެލިޔު އެޑްކުރެވޭނެ ގޮތްތައް އިތުރުކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން ދިވެހި މަހަށް ކަނޑާލާފައިވާ ޓެރިފް ދާއިމީވުމަކީ ކުރައްވާ އުންމީދެއް ކަމަށާއި، އެކަމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީފައި އޮތުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް މީހުން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އެހެންކަމުން ސަރުކާރުގެ ކުންފުނިތައް އެންމެ އެކަށީގެންވާ ސައިޒަށް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށާއި މުޅި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.




