ދިވެހި ވަޠަނީ ޚިދުމަތުގެ 3ވަނަ ޕްރޮގްރާމް ރަސްމީކޮށް އިފުތިތާޙުކޮށްފި
Dhivehi vathanee khidhumathuge 3vana programe rasmeekoh ifthithaahukohffi

ނޭޝަނަލް ސަރވިސް ނުވަތަ ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބެޗު ރަސްމީކޮށް އިފުތިތާޙު ކޮށްފިއެވެ. ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ޖުމުލަ 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކުން 352 ކެޑޭޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ކެޑޭޓުންނާއި 64 އަންހެން ކެޑޭޓުންނެވެ. މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ އެ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއިއެކު ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ ތެރެއިން އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ ޙަރަކާތްތަކާއި، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި ކޭމްޕު ޙަރަކާތްތަކުގެ އިތުރުން އަސްކަރީ ތަމްރީނުގެ ޙަރަކާތްތައް ތަޢާރަފުކޮށްދެވޭނެއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް އެކި ދާއިރާތަކުން ސެޓްފިކެޓްތައް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ހިމެނެއެވެ.



