ނަމާދު ޤަޞްރުކުރާ ގޮތާއި ޖަމްޢުކުރާ ގޮތް ފުރަތަމަ ބައި

Namaadh Ghasru kuraa Gothaai Jammu kuraa goi furathama Bai

ނަމާދު ޤަޞްރުކުރާ ގޮތާއި ޖަމްޢުކުރާ ގޮތް
👈 ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު އަހަރެމެންނަށް ރަނގަޅަށް މިކަން ފަހުމުވުމަށްޓަކައި ތިންގޮތެއް މީގައި ވާކަމަށް ބެލުމުން ފަހުމުވުމަށް ފަސޭހަވާނެއެވެ.
☝ ހަމައެކަނި ޖަމްޢުކުރުން
މިއީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ.
ހ- އިސްކޮށް ޖަމްޢުކުރުން
ށ- ފަސްކޮށް ޖަމްޢުކުރުން
👈 ނަމާދު ޖަމްޢުކުރުން، ޢުޛުރުވެރިންނަށް ހުއްދަވެގެންވެއެވެ.
👈 މިގޮތުން މުހިއްމު ޑިއުޓީތައް އަދާކުރާ ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ސިފައިންނާއި ފުލުހުންނާއި އެއަރޕޯރޓްގައި ޚިދުމަތްދޭ ބައެއް މުވައްޒަފުންނާއި، ދަތުރު ފަތުރު ކުރަންޖެހޭ މީހުންނާއި، ޠަހާރަތުގައި ތަކްލީފު އުފުލަންޖެހޭ ބަލިމީހުންނަށްވެސް އަދި ދިމާވާ ބައެއް ޙާލަތްތަކުގައި މިސާލަކަށް ވަރަށް ބޯކޮށް ވާރޭ ވެހުން އަދިވެސް ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ޢުޛުރުވެރިވެއްޖެ އެހެން ބައެއް ޙާލަތުގައި ޖަމްޢުކުރުން ހުއްދަވެގެން ވެއެވެ.
👈 މިސާލެއް:
އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޑިއުޓީ ފެށެނީ 1 ޖަހާއިރުއެވެ. ޑިއުޓީ ނިމެނީ 9 ޖަހާއިރުއެވެ. ނަމާދު ކުރާނެ ބްރޭކް ނުލިބި މަސައްކަތްކުރަން ޖެހޭނަމަ މި ޑޮކްޓަރު ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.
★ މެންދުރު ނަމާދު ކުރާ ވަޤުތު މެންދުރު ނަމާއެކު ޢަޞްރު ނަމާދު ޖަމްޢުކޮށްލުން.
☝ ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް
✌ދެން ޤަމަތްދޭނީ، ޤަމަތް ދީފައި ކުރާނީ ޢަޞްރު ނަމާދުގެ ހަތަރު ރަކްޢަތް
👈 މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު އިސްކޮށް ޖަމްޢުކުރުމެވެ.
👈 މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢުކޮށެވެ.
★ ދެން އޮތީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދެވެ.
އިޝާނަމާދުގެ ވަޤުތުވުމުން ( މި ޙާލަތުގައި 9 ޖެހުމުން، ޑިއުޓީ ނިމުމުން)
☝ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުގެ ތިން ރަކްޢަތް
✌ދެން ޤަމަތްދީފައި ކުރާނީ ޢިޝާ ނަމާދުގެ ހަތަރު ރަކްޢަތެވެ.
👈 މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު ފަސްކޮށް ޖަމްޢުކުރުމެވެ.
👈 މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢުކޮށެވެ.
ޖަމްޢުކުރެވޭ ނަމާދު ތަކަކީ:
☜ މެންދުރު ނަމާދާއި ޢަޞްރު ނަމާދު (4+4)
☜ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (3+4)
👈 ނަމާދު ޖަމްޢުކުރާ އިރު އިސްކޮށް ކުރި ނަމަވެސް ފަސްކޮށް ކުރި ނަމަވެސް އަބަދުވެސް ނަމާދު ކުރާނީ ތަރުތީބުންނެވެ.
👈 އެގޮތުން މެންދުރު ނަމާދުގެ ވަޤުތުގައި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢު ކުރާނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. އޭގެ ފަހުގައި ޢަޞްރު ނަމާދެވެ.
👈 އަދި ހަމަ އެހެންމެ، ޢަޞްރު ނަމާދުގެ ވަޤުތުގައި މެންދުރު ނަމާދު ފަސްކޮށް ޖަމްޢުކުރާ ނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. ދެން ޢަޞްރު ނަމާދެވެ.
👈 މަޣްރިބް ނަމާދުގެ ވަޤުތުގައި ޢިޝާ ނަމާދު އިސްކޮށް ޖަމްޢުކުރާނަމަ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދެވެ. ޢިޝާ ނަމާދު ކުރާނީ އޭގެ ފަހުގައެވެ.
👈 އަދި ޢިޝާ ނަމާދުގެ ވަޤުތުގައި މަޣްރިބް ނަމާދު ކުރާނަމަ އެންމެ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދެވެ. ޢިޝާ ނަމާދު ކުރާނީ އޭގެ ފަހުންނެވެ.
👈 ދަތުރުވެރިޔަކަށް ނުވާހިނދު، ކުރިން ބަޔާންވެދިޔަ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހަމައެކަނި ޖަމްޢުކުރާނީއެވެ. ޖަމްޢާއެކު ޤަޞްރުކުރާނީ ދަތުރުވެރިޔަކަށް ވުމުންނެވެ.
📚 ބައްލަވާ: “مجموع الفتاوى” (22 /81) . އަދި ” الشيخ ابن عثيمين ގެ لقاء الباب المفتوح” (3/42) . އަދި ” الشرح الممتع” (4 / 149).
(ލިޔުއްވީ: ޝައިޚް މުޙައްމަދު ޝާފިޢު / ދި ސަލަފިއްޔާ ވެބްސައިޓުން ނަގާފައި.)

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments