ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި
Zaathee mauloomaaathu rahkaatherikurumaa gulhey bill majileehah balaigane, committe ah fonuvaifi

ދިވެހިރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، އަދި ބޭނުންކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ”ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު“ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގެ މައިގަނޑު މަގްސަދަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ބިނާކުރުމެވެ. ބިލު ޤާނޫނަކަށް ވުމުން، ޒާތީ މަޢުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ޙައްގުތަކާއި، މަޢުލޫމާތު އެއްކޮށް ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ސާފުކޮށް ކަނޑައެޅިގެންދާނެއެވެ. މީގެ އިތުރުން، ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް މަޢުލޫމާތު ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ޑޭޓާ ބްރީޗްވުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް
މި ބިލުގެ ދަށުން ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވުމެއް މެދުވެރިވެއްޖެ ހާލަތެއްގައި، މަޢުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ”ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން“ ކަނޑައަޅަންޖެހޭ ހާލަތްތަކާއި، ރެކޯޑު ބެލެހެއްޓުމުގެ ޒިންމާތައް ތަފްސީލީ ގޮތެއްގައި ބިލުގައި ވަނީ ހިމަނާފައެވެ.
ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު
ޤާނޫނު ތަންފީޒުކުރުމަށްޓަކައި ޕްރައިވަސީ ކޮމިޝަނަރެއްގެ ދައުރު ބިލުގައި ވަނީ ކަނޑައަޅާފައެވެ. ބިލުގައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން އައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާގެ ބާރުތަކާއި ޒިންމާތައްވެސް މި ބިލުގެ ތެރެއިން ތަރުތީބުވެގެންދާނެއެވެ.
މަޖިލީހުން މި ބިލު ބަލައިގަތުމާ ގުޅިގެން، މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލަކީ ރާއްޖޭގެ ޑިޖިޓަލް މާހައުލުގައި އާންމުންގެ ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.




