ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި.

ދިވެހިރާއްޖޭގެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޢާންމު ކޮށްފައިވާ ލިޔުމުގައިވާ ގޮތުން މިއަދު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މި ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 10:00 އިން 14:30 އަށް ޅ އަތޮޅުން ފެށިގެން އައްޑުއަތޮޅަށެވެ.
ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަ ވާނެ ކަމަށް ލަފާކުރެވޭތީ، އިއްޔެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވައިބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިޢުލާންކޮށްފައެވެ. އަދި މޫސުމަށް ސަމާލުވުމާއި ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައި ވެއެވެ.