ލޮބުވެތި ރަސޫލާ ﷺ އަމިއްލަފުޅަށް ކައްކަވައި އުޅުއްވިތޯ؟
Keerithi Rasoola Muhammad Salla allah alaihi wasalam Amilla fulhah Kakka Ulhuvitho?

ގޭތެރޭގެ މަސައްކަތްތަކާއި، ކެއްކުމާއި، ފުށްގަނޑު މޮޑުން ފަދަ ކަންކަމަކީ އާންމުގޮތެއްގައި އަންހެނުން ކުރާ މަސައްކަތްތަކެވެ.
މިގޮތުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ފުށްގަނޑު މޮޑުއްވައި ކައްކަވައި އުޅުއްވިއެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާކަމުގައިވެއެވެ. ”އޭ ޢާއިޝާއެވެ! ތިމަންކަލޭގެފާނަށް ކާންދެއްވާށެވެ. އޭ ޢާއިޝާއެވެ! ތިމަންކަލޭގެފާނަށް ބޯންދެއްވާށެވެ.“ އެކަލޭގެފާނުގެ އެހެން އަނބިކަނބަލުންގެ ކަންތައްވެސް ހުރީ މިފަދައިންނެވެ.
ހަމައެފަދައިން ފާޠިމާ ރަޟިޔަﷲ ޢަންހާވެސް ފުށްގަނޑު މޮޑުއްވައި ކައްކަވައި އުޅުއްވިއެވެ. މި މަސައްކަތުގެ ބުރަކަމުން އަތްޕުޅަށް ތަދުވެ، އެކަމުގެ ޝަކުވާ ރަސޫލާ ﷺ ގެ އަރިހަށް ހުށަހެޅުއްވުމުންވެސް، އެކަމުގައި އެކަމަނާއަށް އެހީތެރިވުމަށް ޢަލީގެފާނަށް ރަސޫލާ ﷺ އަމުރުފުޅެއް ނުކުރައްވައެވެ.
ރަސޫލާ ﷺ އީ: خَيْرُكُمْ خَيْرُكُمْ لِأَهْلِهِ- [أخرجه الترمذيُّ وابنُ ماجه وصحَّحه الألبانيُّ في «صحيح الجامع» (٣٣١٤)) ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހެއްގެ އަހުލުވެރިންނަށް (އަނބިދަރިންނަށް) އެންމެ ހެޔޮމީހާއެވެ.“ މިފަދައިން ޙަދީޘްކުރެއްވި ނަބިއްޔާއެވެ. މި ޙަދީޘްފުޅުގައި އެ ބަޔާންކުރާ ”ހެޔޮކަމަކީ“ އަންހެނާ ބަލިވެއުޅޭ ހާލަތެއްގައި ނުވަތަ އުފުލަންދަތި ބުރައެއް ކުރިމަތިވެފައިވާ ވަގުތެއްގައި މެނުވީ، އަންހެނުން ކުރަންޖެހޭ ޒިންމާތައް ފިރިހެނުން އުފުލައިގެން އެކަނބަލުންނަށް އަރާމުކޮށްދިނުމެއް ނޫނެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ރިވާޔަތެއްގައި ”ރަސޫލާ ﷺ އެކަލޭގެފާނުގެ އަހުލުވެރިންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި އުޅުއްވާ“ ކަމަށް އޮންނަ އޮތުމުގެ މާނައަކީ، އެ މުޖުތަމައެއްގައި އާންމުކޮށް ފިރިހެނުން ކޮށްއުޅޭ މަސައްކަތްތައް ކަމުގައިވާ ބަކަރިން ކިރުފެއްލުމާއި، ފައިވާން މަރާމާތުކުރުން ފަދަ ކަންކަމުގައި އުޅުއްވުމެވެ.
އެހެންކަމުން، ރަސޫލާ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި ދެއަތްޕުޅުން ދުވަހަކުވެސް ކެއްކެވިކަމެއް ނުވަތަ ފުށްގަނޑެއް މޮޑުއްވިކަމެއް ސާބިތުވާކަށް ނެތެވެ.
އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: ”އަންހެނާ އަރާމުގައި ބޭންދުމަށްޓަކައި، ފިރިމީހާ ގޭތެރެ ކުނިކަހައި، ފުށް މޮޑެ، ކައްކައި، ފޭރާން ދޮވެ، ތަންމަތި އެޅުން ފަދަ ގޭތެރޭގެ ޚިދުމަތްތަކުގައި އުޅުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ.“ (އެއީ އިންކާރުކުރަންޖެހޭ ކަމެކެވެ.)
އިމާމް ޣަޒާލީ ރަޙިމަހުﷲ މި މާނައިގައި ވިދާޅުވެފައިވެއެވެ.
”މާތްﷲ ފިރިހެނާއަށް އަންހެނާގެ މައްޗަށް ވެރިކުރައްވާ އިސްކަން ދެއްވާފައި ވަނިކޮށް، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އަންހެނާގެ ބާރުވެރިކަން އިސްކޮށްފިނަމަ، އެކަންވާނީ ކަންކަމުގެ އަސްލު އޮޅުވާލައި، ޙަޤީޤަތް ފުށުއެރުވުން ކަމުގައެވެ. އަދި ޝައިޠާނާއަށް ކިޔަމަންވުން ކަމުގައެއެވެ. މިފަދައިން ޝައިޠާނާ ބުނި ބުނުމަށް އޭނާ އެ ބޯލެނބީއެވެ.
وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ- النساء 119
”އަދި، اللَّه އެބައިމީހުން އުފެއްދެވި ގޮތް ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރު ކުރާހުށީމެވެ.“
އެހެނީ، ފިރިހެނާގެ ޙައްޤަކީ އޭނާއަކީ އެހެން މީހުންގެ ފަހަތުން ހިނގާ މީހަކަށް ވުމުގެ ބަދަލުގައި، އެހެން މީހުން އޭނާއަށް ތަބާވާ އިސް މީހަކަށް ވުމެވެ. މާތް ﷲ ވަނީ ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ބަލަދުވެރި، ރައްކާތެރިވެ ބަލަހައްޓާ (ޤައްވާމުން) ކަމުގައި ލައްވާފައެވެ. އަދި ފިރިމީހާއަށް ’ސައްޔިދު‘ (ސާހިބާ) ގެ ނަމުން ނަންދެއްވާފައެވެ.
وَأَلْفَيَا سَيِّدَهَا لَدَى الْبَابِ- يوسف 25
’އަދި ދޮރުމަތިން އެކަނބުލޭގެ ސާހިބު (ފިރިމީހާ) އާ އެ ދެމީހުން ބައްދަލުވިއެވެ.‘
އެހެންކަމުން، އިސްކޮށް ހުންނަންޖެހޭ މީހާ (ސާހިބު) އަކީ އަނެކާގެ ބާރުގެ ދަށުގައިވާ މީހަކަށް (ޚާދިމަކަށް) ވެއްޖެނަމަ، އޭނާ އެވަނީ މާތްﷲ ދެއްވި ނިޢުމަތަށް އިންކާރުކޮށް، އެކަން ބަދަލުކޮށްފައެވެ.“
ރަޙުމަތްތެރިއަކު ކިޔައިދިން ވާހަކައެކެވެ. އޭނާ ކައިވެނިކުރީ ޝާމް ކަރައިގެ އަންހެނަކާއެވެ. އެއްރެއަކު ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު، އަނބިމީހާގެ މައްޗަށް އޮތް ލޯތްބާއި އޯގާތެރިކަން ހާމަކޮށްދިނުމުގެ ގޮތުން، ބައެއް ތަށިތައް ހިފައިގެން އޭނާ ބަދިގެއަށް ދާން ތެދުވިއެވެ. އެވަގުތު ކުއްލިއަކަށް އަޑަށް ބާރުލާފައި އަނބިމީހާ ބުންޏެވެ.
”ނޫނެކެވެ! ތިއީ ފިރިހެނުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ.“
“ ފިރިމީހާގެ ޒިންމާތައް އަދާކުރުމަށްޓަކައި ދުވާލަކު 10 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. އޭނާ އެނބުރި ގެޔަށް އަންނައިރު، އަނބިމީހާވެސް ހުންނާނީ ހަމަ އެހާ ގިނަ ވަގުތު ހޭދަކޮށް، އެހާމެ މުހިންމު އަދި ބުރަ މަސައްކަތްތަކެއް ފުރިހަމަކޮށްފައެވެ.“
އެހެންކަމުން، އެދެމީހުންނަކީ އެކަކު އަނެކަކަށް ވާގިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. އަދި އެކަކު އަނެކަކަށް ދޭ ޚިދުމަތްތަކަކީ އޭގެ އަގުވަޒަން ނުކުރެވޭ ފަދަ ދަށް ނުވަތަ ކުޑަ ކަންތައްތަކެއް ކަމުގައި އެމީހުން ނުދެކެއެވެ.
މީގެ ގާތްގަނޑަކަށް އައްޑިހަ އަހަރު ކުރިއާ ހަމައަށް، އިންސާނީ ދަރިފަސްކޮޅު ދިރިއުޅެމުން އައީ މިފަދަ ގޮތަކަށެވެ.
-ޑޮކްޓަރ ޙާމިދުލް އިދްރީސީގެ ޓްވީޓެއްގެ އަވަސް ތަރުޖަމާ




