ލ.މާބައިދޫ ހިމެނޭހެން އިތުރު 15 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރަނީ
laamu maabaidhoo himeneyhen ithuru 15 rashehgai iceplant gaaimkuranee

ރާއްޖޭގެ 5 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި، އިތުރު 15 ރަށެއްގައި އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މަސް ޕްރޮސެސްކުރުމާއި މަހުގެ ސްޓޯރޭޖު މަދުވުމަކީ މި ސަރުކާރުން ޙަވާލުވީއިރު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ސަރުކާރުން މިހާތަނަށް ކުރި މަސައްކަތުން ގއ.ދެއްވަދޫގައި 25 ޓަނުގެ އައިސްޕްލާންޓެއްގެ އިތުރުން، ށ.ފުނަދޫ، ދ.މީދޫ، ދ.ބަނޑިދޫ އަދި ގއ.ގެމަނަފުށީގައި 30 ޓަނުގެ އައިސްޕްލާންޓްތައް ވަނީ ޤާއިމްކޮށްފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މި އަހަރުގެ ނިޔަލަށް މ.ވޭވަށުގައި 60 ޓަނު އަދި ލ.މާބައިދޫގައި 25 ޓަނުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.
އިތުރު 15 ރަށެއްގައި އައިސްޕްލާންޓް އެޅުން
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޤާއިމްކުރާ އިތުރު 15 އައިސްޕްލާންޓުގެ މަސައްކަތް މިހާރު އޮތީ ބަޔަކާއި ޙަވާލުކުރުމުގެ މަރުހަލާގައެވެ. ”އިތުރު 15 ރަށުގެ އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައި. އެކި ސައިޒުގެ އައިސްޕްލާންޓް ޤާއިމްކުރަނީ ރައީސް ވެވައިޑައިގެންފައިވާ ވައުދުތަކާއި ކޮމިއުނިޓީތަކުގެ އެދުމާއި އެއްގޮތަށް،“ ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ބ.ކުޑަރިކިލުގައި 5 ޓަނު، ލ.ހިތަދޫއާއި ލ.މާވަށުގައި 10 ޓަނު، އަދި ށ.ކޮމަންޑޫ، ގއ.ނިލަންދޫ، ގއ.ވިލިގިލި، ގއ.ދާންދޫ، މ.މުލައް، ދ.ހުޅުދެލި، ހދ.ކުޅުދުއްފުށި، ކ.ގާފަރު، ހއ.ދިއްދޫ، އއ.ރަސްދޫ އަދި ގދ.ރަތަފަންދޫގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޅ.ނައިފަރުގައި 40 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރާނެއެވެ.
ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުތައް
ވަޒީރު އިތުރަށް ވިދާޅުވީ ފެލިވަރުގައި ހުރި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖު 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ގދ.ފިޔޯރީގައި 100 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ފ.ނިލަންދޫގައި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއެކު މަސް ފެކްޓްރީއާއި ބަނދަރުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި މަސް ރައްކާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަޝްރޫޢުގައި އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށެވެ.




