ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓް އިސްދޫ-ކަލައިދޫގައި ތަރައްގީކުރަން ނިންމައިފި
Laamu.atholhugai alhaa dhevana airport isdhoo-kalaidhoogai tharahqee kuran ninmaifi

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް، އެ އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓް އިސްދޫ-ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
އިސްދޫ-ކަލައިދޫއަކީ ބިން ބޮޑު ރަށަކަށް ވުމާއެކު، މިއީ ތަރައްގީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ފުރުސަތު އޮތް ރަށެކެވެ. އަދި އެ ސަރަހައްދަކީ ތަބީއީ ގޮތުން ރީތި ގިނަ ރަށްތަކެއް ހިމެނޭ ސަރަހައްދަކަށް ވާތީ، އައު އެއާޕޯޓާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
ލ. އަތޮޅުގެ އެންމެ އުތުރުގައި އޮންނަ އިސްދޫ-ކަލައިދޫގެ ރައްޔިތުން މިހާރު ކައްދޫ އެއާޕޯޓަށް ދިއުމަށް ކަނޑުމަގުން ގާތްގަނޑަކަށް 45 މިނިޓުގެ ދިގު ދަތުރެއް ކުރަންޖެހެއެވެ. އިސްދޫގައި އެއާޕޯޓް އެޅުމުން އެ ރަށުގެ އިތުރުން ކައިރީގައި އޮންނަ ދަނބިދޫއާއި މައިބާދޫގެ ރައްޔިތުންނަށްވެސް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
މުޅި ރާއްޖެ ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިއްމު ތަސައްވުރެކެވެ. އެ ތަސައްވުރުގެ ދަށުން އިގުތިސާދީ ގޮތުން ފައިދާހުރި ސަރަހައްދުތަކުގައި އެއާޕޯޓްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. މިގޮތުން ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުތަކަކީ ރާއްޖޭގެ އިގުތިސާދަށް އައު ދިރުމެއް ގެނުވާނެ މަސައްކަތްތަކެކެވެ. މާލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މިފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ތަރުތީބުކުރަމުންނެވެ.




