”އަގުމަގު“ ޕޯޓަލް މެދުވެރިކޮށް އަތޮޅުތެރޭގެ އަގުތައްވެސް ފެންނާނެ ގޮތް ހަދަނީ
"Agumagu" portal medhuverikoh atholhutherey aguthahvess fennane goiy hadhanee

”އަގުމަގު“ ޕޯޓަލް މެދުވެރިކޮށް އަތޮޅުތެރޭގެ ފިހާރަތަކުންވެސް ތަކެތި ލިބެން ހުންނަ އަގުތައް ފެންނާނެގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް ރައްޔިތުންނަށް އަންގައިދިނުމަށް އެ ވުޒާރާއިން އިފްތިތާހްކޮށްފައިވާ ޕޯޓަލެކެވެ.
އިޤުތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ގެނެސްދޭ ”ޓްރޭޑް ޑެސްކް ވިތު އަނާ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ވިދާޅުވީ، އަގުމަގު ޕޯޓަލްއިން މިހާރު ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގައި ތަކެތި ވިއްކަން ހުންނަ އަގުތައް ކަމަށެވެ. ނަމަވެސް، އަންނަ މަހުގެ ތެރޭގައި އަތޮޅުތެރޭގެ ރަށްރަށުގައި ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެހެން ޕޯޓަލްއަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ރިފާޢު ވިދާޅުވީ، ”މިވަގުތު އަޅުގަނޑުމެންނަށް އަގުތައް ނެގެމުން މިދަނީ މާލެ ސަރަޙައްދުގައި. ޕީއޯއެސް އިންޓަގްރޭޓް ކުރެވޭ ހިސާބުން ފެށިގެން ރަށްރަށުގެ އެކި އައުޓްލެޓްތަކުގަވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޖުލައިމަސްތެރޭގައި މީގެ ބޮޑުބައެއް ނިންމުމަށް،“ ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ބޭނުންކުރެވޭނެ މަގުފަހިކޮށްދިނުމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި އެޕްލިކޭޝަނުގައި ޕޯޓަލުން މިހާރު ފެންނަން ނުހުންނަ އިތުރު ފީޗަރތަކެއް ހިމެނޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަގުމަގު ޕޯޓަލްގައި ހިމަނާފައިވާ އަގުތަކަކީ އިޤުތިސާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސްގެން އެއްކުރާ މަޢުލޫމާތެވެ. މި ޕޯޓަލްގައި ހިމެނޭ އަސާސީ ކާބޯތަކެތީގެ ލިސްޓު ތައްޔާރުކޮށްފައިވަނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކޮށްގެންނެވެ.
”




