ރައީސްއާ ވަކިން ބައްދަލުކޮށް ވާހަކަދެއްކުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށަނީ
Raees aa vakin bahdhalukoh vaahakadhehkumah khassa programe eh fashanee

ރައްޔިތުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން
ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު އެ ކަންކަމަށް ފިޔަވަޅު ނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. އެގޮތުން ބައްދަލުވުންތަކުގައާއި ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާ އެކި ކަންކަން ބަލައި، ރައްޔިތުން އެދޭ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ޚާއްސަ ޓީމަކުން ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ހުންނާނެ އެފަރާއްތަކަށް އެކަން ބަލާދީފައި. މިސާލަކައް އެ ފަރާތުގެ އެޕްލިކޭޝަން ރަނގަޅައްތޯ އޮތީ. އެއައް ރަނގަޅަށް ބަލައިފައިތޯ އޮތީ. އެކަން ބަލާދީފައި އެޔައް ޖަވާބުދެން. ދެން އެހެން ހުރިހާކަމެއްގައިވެސް އެކި ކަހަލަ އެހީތެރިކަމަށް އެދޭ. އެކި ކަހަލަ ކަންކަން ލަސްވެފައި ހުރޭ ސަރުކާރުގެ ތެރޭގައި. އެފަދަ އެތައްކަމެއް ވާނެ ބަލާފައި.“ ރައީސް ވިދާޅުވިއެވެ.
ސީދާ ބައްދަލުވުންތަކަށް ޚާއްސަ އުސޫލެއް
ބައެއް ފަރާތްތަކުން އެމަނިކުފާނާ ސީދާ ބައްދަލުކުރުމަށް އެދެމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ވަގުތު ހުރިގޮތުން އެފަދަ ހުރިހާ ބައްދަލުވުންތަކެއް އަދި ބޭއްވިފައި ނުވާކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކޮންމެ ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެކަމަށް އެދޭ ފަރާއްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމެނޭ ، ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއާިއ ބައްދަލުވާކަމަށް ވަންޏާއި 15 ވަރަކަށް ގެޔާއި ބައްދަލުވަންޏާއި ވަރަށް ގިނަ މީހުންނާއި ފުރުސަތު ލިބިގެންދާނެ. އެމީހަކު ބޭނުންވާ ވާހަކަތަކެއް ދައްކަން. އެކަހަލަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށަން އެބަ އުޅެން“ ރައީސް ވިދާޅުވިއެވެ.
ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ބަދަލުތަކެއް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރަށްވުރެ އިތުރު ވަގުތު ހޭދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެކުރިން މައިގަނޑު ގޮތެއްގައި ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކުރެއްވި ނަމަވެސް، ދެން ކުރައްވާ ދަތުރުފުޅުތަކުގައި އާންމު ރައްޔިތުންގެ ތެރެއިން ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އުސޫލެއްގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




