ގަމު ތުނޑީ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ބާރުުސްޕީޑުގައި ކުރިއަށް
Gamu thundi bandharuge beyruthoshi lumuge masahkai baaru speed gai kuriah

ލ. ގަމު ތުނޑީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން ވިދާޅުވި ގޮތުގައި، ގަމު ތުނޑީ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޕްރިފައިލިންގ މަސައްކަތްތަކާއި ބަނދަރުގެ ބޭރުތޮށި ލުމުގެ އަމަލީ މަސައްކަތްތަކެވެ. މި މަޝްރޫޢަކީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 2,501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
ލ. ގަމު ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 33.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ނިމުމުން ގަމުގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




