”މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030“ ރަސްމީކޮށް އިފްތިތާޙުކޮށްފި
"Maldives Digital health blueprint 2026-2030" Rasmeekoh ifthithaahkohffi

ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ”މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030“ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ބްލޫޕްރިންޓް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
މި ބްލޫޕްރިންޓަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރެކަމާއެކު އެކުލަވާލެވުނު މަޝްރޫޢެކެވެ. މިއީ ދިވެހި ސަރުކާރުގެ ”މޯލްޑިވްސް 2.0: ޑިޖިޓަލް ފަސްޓް ނޭޝަން“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި މިޞްރާބު ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކާއި، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމާއި އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުތައް ވެސް މި ލިޔުމުގައި ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ”ސިއްޙީ ޚިދުމަތް ދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތްތަކެއް ލިބޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް ބަދަލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް“ ކަމަށެވެ.
ސިއްހަތާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ބްލޫޕްރިންޓް އިފްތިތާހުކުރުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްތައް ގުޅާލުމުގެ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، ކުރިމަގުގައި ޑިޖިޓަލައިޒޭޝަންއަށް ކުރެވޭ އިންވެސްޓްމަންޓްތައް ހަރުދަނާކުރުމަކީ ވެސް މި ބްލޫޕްރިންޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކެކެވެ.




