މާވަށު ބިން ހިއްކުމުގެ %65 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފި

Maavashu bin hihkumuge 65% masahkaiy nimifaivaa kamah MTCC in bunefi

ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ ބިން ހިއްކުމުގެ ސަރަހައްދު ކޮނުމާއި ވެލި އެޅުމުގެ އަމަލީ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަސައްކަތުގެ ތެރޭގައި ސޭންޑް ސާޗް ސާވޭއެއް ހެދުމާއި، ރަށުގެ ބިމަށް އިތުރުކުރެވޭ ސަރަހައްދު ހިއްކުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. މިއީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މާވަށު ބިން ހިއްކުމުގެ މި މަޝްރޫއަކީ ޖުމްލަ 61.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާއިރު، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

އާބާދީގައި ގާތްގަނޑަކަށް 2,200 މީހުން ދިރިއުޅޭ މާވަށަކީ 40.6 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. ނަމަވެސް ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެ ރަށުން ގޯތި ނުދެވޭތާ މިހާރު 20 އަހަރު ވެފައިވާ ކަމަށް ރަށުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި މަޝްރޫއު ނިމުމުން މާވަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އަލަށް ހިއްކޭ ބިމާއެކު ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments