ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫގައި އެޅުމަށް ނިންމި ނިންމުން މާވަށު ދާއިރާގެ މެންބަރު ކުށްވެރިކުރައްވައިފި

Laamu atholhuge dhevana airport isdhoogai elhumah ninmmi nimun maavashu dhaairaage member kuhverikurahvaifi

ލާމު އަތޮޅުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓް، އެ އަތޮޅު އިސްދޫ-ކަލައިދޫގައި ގާއިމުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މެންބަރު ޝާކިރު ވިދާޅުވީ، 2023 އަދި 2025 ވަނަ އަހަރު ރައީސް މުޢިއްޒު މާވަށު ދާއިރާގެ ރަށްތަކަށް ކުރެއްވި ޒިޔާރަތްތަކުގައި، އެ ދާއިރާގައި ދެވަނަ އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށެވެ. ނަމަވެސް، މިއަދު ފެންނަނީ ރައްޔިތުންނަށް ދެއްކެވި ފޮނި އުންމީދުތަކުގައި ކޮޅުފައިޖައްސަވައި، މުޅި ދާއިރާގެ ރައްޔިތުން ނާއުންމީދުގެ ތެރެއަށް ދޫކޮށްލާފައިވާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިގްތިސާދީ އަދި ޖިއޮގްރަފީ ގޮތުން މާވަށު ދާއިރާގެ މުހިންމުކަން

އިސްދޫ-ކަލައިދޫ ސަރަހައްދަކީ ފަންނީ އަދި ލޮޖިސްޓިކަލް ގޮތުން އެންމެ އެކަށީގެންވާ ލޮކޭޝަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޝާކިރު ވިދާޅުވީ އިގްތިސާދީ މިންގަނޑުތަކުން ބަލާއިރު މާވަށު ދާއިރާއަކީ 5,832 އަށްވުރެ ގިނަ ރައްޔިތުންގެ އާބާދީއެއް އޮތް، އަދި ރިސޯޓުތަކާއެކު އަތޮޅުގެ އެންމެ ހަރަކާތްތެރި ސަރަހައްދު ކަމަށެވެ. ”މިހާރު ޚިދުމަތް ދެމުންދާ ކައްދޫ އެއާޕޯޓަށް ދިއުމަށްޓަކައި މާވަށް ދާއިރާގެ ރައްޔިތުން ކަނޑުމަތީގައި 45 މިނެޓަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހުމަކީ އެ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެއް“ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތާ ފުށުއެރުން

ކޮންމެ ރަށަކުން ފުރައިގެން 30 މިނެޓުގެ ތެރޭގައި އެއާޕޯޓަކަށް ދެވޭނެ އިންތިޒާމު ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނަމަވެސް، އިސްދޫ-ކަލައިދޫ ސަރަހައްދަކީ މިހާރުވެސް ކައްދޫ އެއާޕޯޓާ އެއްގަމު މަގުން ގުޅިފައިވާ ގަމަށް 20 މިނެޓުން ދެވޭ ހިސާބެއްކަން ޝާކިރު ފާހަގަކުރެއްވިއެވެ. މިއީ އެއް ސަރަހައްދަކަށް ވަސީލަތްތައް ޖަމާކޮށް، ދަތުރުފަތުރުގެ ދަތިކަން އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ މާވަށް ދާއިރާގެ ރައްޔިތުންގެ ބޭނުންތަކަށް އިހުމާލުވުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މާވަށު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ޝާކިރު ވަނީ، އިންސާފާއި ހަމަހަމަކަމުގެ މައްޗަށް ބިނާކޮށް މި ނިންމުން ވަގުތުން މުރާޖައާ ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މާވަށް ދާއިރާގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ އަރުވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments