މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
Maldives Financila Expo 2026 Raeesuljumhoorihyaa hulhuvaidhehvaifi

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ”މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލީ ވަޒީރު ޙަސަން ޒަރީރާއި، އެހެން ބައެއް ވަޒީރުންގެ އިތުރުން ގަވަރުނަރު އަޙްމަދު މުނައްވައްރު ބައިވެރިވެވަޑައިގެންނެވިއެވެ.
އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގައި ހިމެނޭ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދޭ މާލީ ޚިދުމަތްތަކާއި ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ އާންމުންނަށް ހުޅުވާލާފައިވަނީ ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. އެކްސްޕޯއަށް ވަނުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
މާލީ ދާއިރާގެ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން
މިއީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް ލިބޭ އަގުހުރި ފުރުޞަތެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މި އެކްސްޕޯގައި ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސިންގް އިދާރާތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުގެ އިތުރުން މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވެއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބޭނެއެވެ. ވަކިވަކި އިދާރާތަކަށް ދިއުމުގެ ބަދަލުގައި، އެއް ތަނަކުން ގިނަ އަދަދެއްގެ މާލީ އުފެއްދުންތައް އަޅާކިޔާލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ވިޔަފާރިތަކަށާއި އާއިލާތަކަށް ޚާއްޞަ ހަރަކާތްތަކެއް
މި އެކްސްޕޯއަކީ ވިޔަފާރިވެރިންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މުހިންމު ހަރަކާތެކެވެ. މާލީ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލައި، ފައިސާ ދޫކުރާ ފަރާތްތަކާ ސީދާ މަޝްވަރާކޮށް، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ލިބެން ހުރި އެހީތެރިކަން ދެނެގަތުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ވެސް އެކްސްޕޯގެ ތެރޭގައި ކުރިއަށްދާނެއެވެ.
މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ޚާއްޞަ ޕެނަލް ޑިސްކަޝަންތައް ޖުލައި 2 އަދި 4 ވަނަ ދުވަހު ކުރިއަށްދާނެއެވެ. މި މަޝްވަރާތަކުގައި ދާއިރާގެ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.




