މޫސަގެ މަރުގެ ބަދަލުގައި ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން
Moosage maruge badhalugai vaarisun beynunvanee marah maru hifan

ލ. މާމެންދޫގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ހިނގި އަނިޔާވެރި ހާދިސާއެއްގައި މަރާލި މޫސާ އިބްރާހީމްގެ މަރުގެ މައްސަލާގައި، އޭނާގެ ވާރިސުން ކޯޓުގައި ބުނީ ގާތިލަށް މާފުދޭން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ މަރަށް މަރު ހިފަން (ގިސާސް ހިފަން) ކަމަށެވެ.
މި މައްސަލާގައި ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މުޙައްމަދު އިބްރާހީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މޫސާގެ މަންމައާއި ބައްޕަގެ ބަސް ނަގާފައިވާއިރު، ދައުލަތުން ވަނީ އިސްލާމްދީނުގައި ގިސާސް ހިފުމާއި މާފުދިނުމާ ގުޅޭގޮތުން އޮންނަ އުސޫލުތައް ވާރިސުންނަށް ކިޔައިދީފައެވެ. ނަމަވެސް، ވާރިސުންގެ ބަސް ނެގުމަށް ދިން ފުރުސަތުގައި މޫސާގެ ބައްޕަ ބުނީ ”އަޅުގަނޑު މާފެއް ނުދެން، ދޭކަށް ބޭނުމެއްވެސް ނޫން. ބޭނުންވަނީ މަރަށް މަރު ހިފަން“ ކަމަށެވެ. މޫސާގެ މަންމަވެސް ވަނީ އެމީހުންގެ ދަރިފުޅު ވަކިވެދިޔައީތީ މާފުދެވެން ނެތް ކަމަށް ބުނެފައެވެ.
ދައުވާތަކާއި ޝަރީއަތުގެ ކުރިއެރުން
މުޙައްމަދު އިބްރާހީމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބެވެ. ދައުވާ ލިބޭ ފަރާތުން ކޯޓުގައި އެދިފައިވަނީ އޭނާގެ އަދަބަށް ލުޔެއް ލިބޭނެ ގޮތެއް ހޯދައިދިނުމަށެވެ.
މި މައްސަލާގައި ދައުވާ ލިބޭ ފަރާތުން އިއުތިރާފުވެފައިވީ ނަމަވެސް، މަރުގެ މައްސަލަތަކުގައި އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އޮންނާތީ، ކޯޓުން ދަނީ އިތުރު ހެކިތައް ކަށަވަރު ކުރަމުންނެވެ. އެގޮތުން މައްސަލަ ބައްލަވާ އިސް ގާޒީ ވަނީ ޑޮކްޓަރުން ހާޒިރުކޮށް ހެކިބަސް ނަންގަވާފައެވެ. އަދި ހާދިސާ ހިނގި ގޮތް ކަށަވަރު ކުރުމަށްޓަކައި، މަރުވި މީހާއާ އެއް އިސްކޮޅެއްގެ މީހަކު ކޯޓަށް ހާޒިރުކޮށް، މުޙައްމަދު އިބްރާހީމް ލައްވާ ހަމަލާދިން ގޮތް ދައްކުވައިދީފައެވެ.
ޝަރީއަތުން ބެލިބެލުމުގައި މޫސާއަށް ލިބިފައިވާ ޒަޚަމްތަކުގެ ފުންމިނާއި ހަމަލާދިން އޭންގަލް، މުޙައްމަދު އިބްރާހީމް ދެއްކި ގޮތާ ދިމާވާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ މިހާރު އޮތީ ހުކުމާ ގާތްވެފައެވެ. ގާޒީ އިތުރަށް ސާފުކުރަންޖެހޭ ކަންކަން ސާފުކުރެއްވުމަށްފަހު، ވަރަށް އަވަހަށް މި މައްސަލާގައި ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.




