ކެންސަރު ނޫން ބަލިތަކަށް ބޭރަށް ފޮނުވާ ޢަދަދު މަދުކުރެވިއްޖެ: ވަޒީރު ގީލާ
Cancer nun balithakah beyrah fonuvaa adhadhu madhukurevihjje: Vazeeru Geela

ބޮޑެތި ބަލިތަކަށް އެކަށީގެންވާ ފަރުވާގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރެވުމާއެކު، ކެންސަރު ނޫން އެހެން ބަލިތަކަށް ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުކުރެވިފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ނަމަވެސް، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް އަދިވެސް ރާއްޖެއިން ބޭރަށް ބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުން، ބޭރަށް ފޮނުވާ މީހުންގެ އަދަދަށް އައި ބަދަލު ޖުމްލަ ޚަރަދުން ފާހަގަނުވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ސިއްޙީ ޚިދުމަތަށް ކުރާ ހޭދައަކީ ފައިސާއިން އަގުމަގު ކުރާ އެއްޗަކަށްވުރެ ބޮޑަށް، ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އާސަންދައިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ އަދަދު 338 އަށް މަދުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކެންސަރު ބަލީގެ ފަރުވާއަށް ބޭރަށްދާ މީހުން އިތުރުވުން
ވަޒީރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އިން 2025 އަށް ކެންސަރު ނޫން ބަލިތަކަށް ބޭރަށް ފޮނުވި މީހުންގެ އަދަދުން 821 މީހުން މަދުކުރެވިފައިވެއެވެ. ނަމަވެސް، ހަމަ އެ މުއްދަތުގައި 483 މީހުން ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. ”3 އަހަރުތެރޭ އެންމެ ގިނައީ ކެންސަރުގެ ފަރުވާ،“ ވަޒީރު ވިދާޅުވިއެވެ. ކެންސަރާ ގުޅޭ ޓެސްޓްތައް ހެދުމަށް ބޭރަށް ފޮނުވާ މީހުންގެ އަދަދުވެސް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޚިދުމަތްތައް ފުޅާކުރުން
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މިފަދަ ޚިދުމަތްތައް ގާއިމުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމްގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގައި ގާއިމުކުރުމުން މިހާތަނަށް 750 މީހުން ރާއްޖޭގައި ތިބެގެން ޓެސްޓްކޮށްފައިވެއެވެ. އަދި ކީމޯ ތެރަޕީގެ ޚިދުމަތްވެސް މިހާރު ގިނަ ބަޔަކު ރާއްޖޭގައި ހޯދަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި ސްކްރީނިންގާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފުޅާވުމުން ބަލިތައް ކުރިން ދެނެގަނެވި، އަވަހަށް ފަރުވާ ދިނުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ކެންސަރު ހޮސްޕިޓަލާއެކު ޕެޓް ސްކޭނާއި ރޭޑިއޭޝަން ފަރުވާ ފެށުމުން، ބޭރަށް ފޮނުވަންޖެހޭ ޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.




