ގްލޯބަލް ފަންޑްގެ ބޯޑު މެންބަރެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިއްޖެ

Global fundge board memberehge gothugai rajje thamseelkurumuge furusathu libihjje

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިއީ ބައިނަލްއަޤްވާމީ ޞިއްޙީ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ގްލޯބަލް ފަންޑްގެ 55 ވަނަ ބޯޑު ބައްދަލުވުމުގައި ރާއްޖެއިން ދަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދު ތަމްސީލު ކުރަމުންނެވެ. މި މަޤާމުގެ ސަބަބުން ބައިނަލްއަޤްވާމީ ޞިއްޙަތުގެ ސިޔާސަތު ކަނޑައެޅުމުގައި ރާއްޖެއަށް މިހާރަށް ވުރެ ފުޅާ ދައުރެއް އަދާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ސަރަޙައްދީ ފެންވަރުގައި އިސް ދައުރެއް

މި މަޤާމާ ގުޅޭގޮތުން ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން މި މަޤާމު އަދާކުރަނީ ސަރަޙައްދީ ފެންވަރުގައި ޞިއްޙީ ހަމަހަމަކަން ޤާއިމްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ކަމަށެވެ. މީގެ އިތުރުން އެޗްއައިވީ، ޓީބީ އަދި މެލޭރިއާ އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަކީ ރާއްޖޭގެ މުހިންމު ވަޢުދެކެވެ.

ދެކުނު އިރުމަތީ އޭޝިއާ ދާއިރާ ރާއްޖެއިން ތަމްސީލުކުރާއިރު، ރާއްޖެއަކީ މައިމީހާގެ ފުށުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން މުޅިން ހުއްޓުވި ދުނިޔޭގެ ފުރަތަމަ ޤައުމެވެ. މި ތާރީޚީ ކާމިޔާބީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (WHO) އިން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

ޖެނީވާގައި ބޭއްވި މި ބޯޑު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 9 އިން 10 އަށެވެ. އަދި މި ސިލްސިލާގެ 56 ވަނަ ބައްދަލުވުން އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ރާއްޖެއިން ދަނީ ޞިއްޙީ ދާއިރާގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments