ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ އާބާދީގެ 47 އިންސައްތަ ފިރިހެނުންނަކީ ބިދޭސީން

Rajjeygai dhiriulhey firihenunge abaadheege 47 insahtha firihenunakee bidheyseen

ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ އާބާދީގެ 47 އިންސައްތައަކީ ބިދޭސީންކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީ މިހާރު ވަނީ 590,000 އަށްވުރެ މައްޗަށް އަރާފައެވެ.

ބިދޭސީންގެ ނިސްބަތް އިތުރުވުން

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީ 590,079 ގައި ހުރިއިރު، އޭގެ ތެރެއިން ދިވެހީންގެ އާބާދީއަކީ 394,054 އެވެ. އަދި ބިދޭސީންގެ އާބާދީ ވަނީ 196,024 އަށް އަރާފައެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން އެކަކީ ބިދޭސީއެއްކަމަށް ދައްކާ މިންވަރެކެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމަށްފަހު ހާމަކުރި މި ހިސާބުތަކުން އެނގޭ ގޮތުގައި، ވޭތުވެދިޔަ 3 އަހަރު ތެރޭގައި ދިވެހި އާބާދީއަށް އިތުރުވީ 11,000 އެއްހާ މީހުން ނަމަވެސް، ބިދޭސީންގެ އާބާދީ ވަނީ 63,000 އަށްވުރެ މައްޗަށް އިތުރުވެފައެވެ.

މަސައްކަތްކުރާ އާބާދީގެ ހާލަތު

ރާއްޖޭގެ މަސައްކަތްކުރާ އުމުރުފުރާ ކަމަށްވާ 20 އަހަރާއި 45 އަހަރާ ދެމެދުގެ އާބާދީގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ބިދޭސީންގެ ނިސްބަތް ވަނީ އިތުރުވެފައެވެ. މާލޭގައި ދިރިއުޅޭ އާބާދީގެ ކޮންމެ 3 މީހުންގެ ތެރެއިން އެކަކީ ބިދޭސީއެއް ކަމަށްވާއިރު، ރަށްރަށުގައި ކޮންމެ 5 މީހަކުން އެކަކީ ބިދޭސީއެކެވެ. އަދި އިދާރީ ރަށްރަށުގެ އާބާދީގެ 80 އިންސައްތައަކީ ބިދޭސީންނެވެ.

އާބާދީގެ އޮނިގަނޑަށް އަންނަ ބަދަލުތައް

ރާއްޖޭގެ އާބާދީގައި އެންމެ ގިނައީ 36 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. ނަމަވެސް، އުފަންވާ ކުދިންގެ ނިސްބަތް ވަނީ ކަންބޮޑުވާ މިންވަރަށް މަދުވެފައެވެ. 17 އަހަރުން ދަށުގެ އާބާދީގައި 114,361 ކުދިން ތިބިއިރު، މިއީ ކުރިމަގުގައި މަސައްކަތްކުރާ އުމުރުގެ އާބާދީއަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އަންދާޒާކުރެވޭ ގޮތުގައި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވާނެއެވެ.

ކުރިމަގުގެ ގޮންޖެހުންތައް

ކުދިން ވިހާ ނިސްބަތް މަދުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަރި ގިނަވުމާއި ބޯހިޔާވަހިކަމުގެ ދަތިކަން އާންމުން ފާހަގަކުރެއެވެ. މި މައްސަލަތަކަށް ޤައުމީ ފެންވަރުގައި އަވަސް ހައްލެއް ނުހޯދިއްޖެނަމަ، ރާއްޖޭގައި ދިވެހީންނަށްވުރެ ބިދޭސީންގެ އާބާދީ އިތުރުވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments